ހދ.އަތޮޅު ކައުންސިލްގެ ޑިރެކްޓަރު ޖެނަރަލް ގެ މަގާމުގައި ހުންނެވި އަބުދުﷲ އައްސަދުގެ މައްޗަށް ތުހުމަތުވާ ގިނަ މައްސަލަތަކެއް ފެންމަތިވެ ބަލަމުން އަންނަކަމަށް އަތޮޅު ކައުންސިލްގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
އަތޮޅު ކައުންސިލްގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި އަތޮޅުގެ ކައުންސިލްގެ ޑިރެކްޓަރު ޖެނަރަލްގެ މައްޗަށް ތުހުމަތުކޮށް ހުށަހެޅި އެއް މައްސަލައަކީ، އަތޮޅު ކައުންސިލްގެ ނިންމުމާ ހިލާފު އަށް އަތޮޅު ކައުންސިލުން އާމްދަނީ ހޯދުމަށް ބޭނުންކުރާ އިމާރާތެއްކަމަށްވާ ސުޓޭޓު ހައުސް މަރާމާތު ކުރުމުގެ އެގުރިމެންޓާއި ޚިލާފް ބަދަލުތަކެއް ގެނައިކަމަށް ތުހުމަތުކުރެވޭ މައްސަލައެވެ. މިގޮތުން ސުޓޭޓު ހައުސް މަރާމާތު ކުރުމުގެ އެގުރިމެންޓުގައި އަތޮޅު ކައުންސިލްގެ ފަރާތުން ސޮއި ކޮށް ބަޔަކާ ހަވާލު ކޮށް މަރާމާތް ކުރި އިރު އެގުރިމެންޓާއި ހިލާފު އަށް އެތަށް ބަދަލު ތަކެއް ގެނެސް އަތޮޅުގެ ރައްޔިތުން ގެ މާލިއްޔަތަށް ވަރަށް ބޮޑެތި ގެއްލުން ދީފައިވާކަމަށް އެ މައްސަލާގައި ފާހަގަކޮށްފައިވާނެކަމަށް އޮފިޝަލް ވިދާޅުވެއެވެ.
މީގެ އިތުރުން ހުށަހެޅި މައްސަލަތަކާއި ގުޅިގެ އޮފިޝަލް ފާހަގަކުރި ބައެއް ނުކުތާތަކުގެ ތެރޭގައި،
- އަތޮޅު ކައުންސިލްގެ މުދާ ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަމަށް ކުރެވޭ ތުހުމަތު، އެއީ ސުޓޭޓު ހައުސް ގެ ރޫމެއް މަރާމާތަށް ބަންދު ކޮށްފައި ހުރި ކަމަށް ބުނެ، އެ އެތަށް މަހެއް ވަންދެން އެ ރޫމްގެ ތަޅުދަނޑި ނަގައި ރޫމް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަމަށް ކުރެވޭ ތުހުމަތު،
- އަތޮޅުގެ ކައުންސިލް ގެ ލޯންޗުން ދަތުރުކޮށް ފައިސާ ނުދައްކާ ހުރިކަމަށް ކުރެވޭ ތުހުމަތު،
- މިހާރުވެސް ސުޓޭޓު ހައުސް އަމިއްލަ އާއިލާގެ ބޭނުމަށް ބޭނުން ގޮތަކަށް ބޭނުން ކުރަމުން ދާކަމުގެ ތުހުމަތު،
- އަތޮޅު ކައުންސިލްގެ ޕުރޮޖެކުޓު ތަކަށް ވެސް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު،
- ގިނަ އަހަރު ތަކެއް ވަންދެން އަތޮޅު ކައުންސިލްގެ ވެހިކަލް ސައިކަލް އަމިއްލަ ބޭނުމަށް ގަވާއިދާ ހިލާފު އަށް ބޭނުން ކޮށްފައި ވާކަމުގެ ތުހުމަތު
މީގެ އިތުރުން ވަޒީފާގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުން ގެންދަވާކަމަށާއި، މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން އަތޮޅު ކައުންސިލަށް ނެގި ސިވިލްސާވިސް ވަޒީފާތަކަށް ނުފޫޒު ފޯރުވާފައިވާ ކަމަށާއި، ޑިރެކްޓަރ ޖެނެރަލްގެ އަމަލުތަކުގެ ސަބަބުން ހދ އަތޮޅުގެ ރައްޔިތުން ނަށް އިޔާދަ ނުކުރެވޭހައި ބޮޑެތި ގެއްލުންތަށް މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ދެމުން ދާކަމަށް ތުހުމަތުވާ މައްސަލަ ހިމެނެއެވެ.
މީގެ ތެރެއިން ސްޓޭޓް ހައުސްއާއި ގުޅޭ ބައެއްކަންކަން އޮޑިޓް ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވާ ކަމަށާއި، ޑިރެކްޓަރ ޖެނެރަލްގެ އަމަލުތަކުގެ ސަބަބުން ލިބުނު ގެއްލުންތަކާމެދު ޖަވާބުދާރީ ކުރުވަން މިހާރު އަންގާފައިވާކަމަށް ވެސް އެ އޮފިޝަލް ވިދާޅުވިއެވެ. އަދި ފާހަގަކުރެވުނު މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިސަން (އޭސީސީ) އަށް ހުށަހަޅާފައިވާކަމަށް ވެސް އަތޮޅު ކައުންސިލްގެ އޮފިޝަލަކު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!