ހއ. ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު، މުސާރަ ނުހިނގާ ގޮތަށް ތިން މަސް ދުވަހަށް ސަސްޕެންޑުކޮށް، ކައުންސިލްގެ އެހެން ކައުންސިލަރުންނަށް ނަސޭހަތްތެރިވުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފިއެވެ.

އެލްޖީއޭއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، ވަހީދު ސަސްޕެންޑުކުރަން ނިންމީ މައްސަލައިގެ ކުޑަބޮޑު މިނަށް ބެލުމަށް ފަހުގައެވެ. މިގޮތުން، އެލްޖީއޭއަށް ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން ޖުމްލަ އަށް މައްސަލައެއްގެ އިންކުއަރީއެއް ހިންގުމަށް ފަހުގައެވެ. ވަހީދު ސަސްޕެންޑުކުރަން ނިންމީ، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކައުންސިލް ހިންގުމުގެ އެންމެ އިސް ޒިންމާ އޭނާއަށް މަތިކޮށްފައިވާއިރު، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ ހިލާފުވެފައިވާކަން ފާހަގަކުރެވޭތީ ކަމަށް އެލްޖީއޭއިން ބުނެއެވެ.

Ad
rt

އެލްޖީއޭއިން ބެލި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަން:

  • މި އަހަރުގެ ތިލައުތުރު އަންހެނުންގެ ވޮލީ މުބާރާތް ބޭއްވުމުގައި މާލިއްޔަތު ގަވައިދާ ޚިލާފަށް ހޯރަފުށީ ކައުންސިލުން ޚަރަދުކޮށްފައިވުން.
  • މާލިއްޔަތު ގަވައިދާ ޚިލާފަށް 2023 ވަނަ އަހަރު، ހޯރަފުށީ ކައުންސިލުން އެ ރަށު ބަނދަރު ސަރަހައްދުގައި އިންދުމަށް ކަދުރު ރުށްތަކެއް ގަނެފައިވުން.
  • ލޭންޑް ޔޫސް ޕްލޭނާ ޚިލާފަށް، ގޯތިތަކާ އިންވެގެން އޮންނަ ހުސްބިންތައް އެ ގޯތިތަކަށް އިތުރުކޮށްދީފައިވުން.
  • 1446 ވަނަ އަހަރު އަޟްހާ އީދު ކުޅިވަރާއި ސްޓޭޖުލައިޓާއި ސްޓޭޖުގެ ކަންކަމަށް މާލިއްޔަތު ގަވައިދާ ޚިލާފަށް ކައުންސިލުން ޚަރަދުކޮށްފައިވުން.
  • މައުލޫމާތު ހޯދައި، ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހޯދަން އެދޭ މައުލޫމާތު ހޯރަފުށީ ކައުންސިލުން ފޯރުކޮށްނުދޭ މައްސަލަ.

އެލްޖީއޭއިން ބުނީ، އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ވަކިވަކި މައްސަލަތަކާ ގުޅިގެން ދީފައިވާ ލަފައަށް އަމަލުކުރުމަށް ކައުންސިލަށް އަންގާނެ ކަމަށެވެ. އަދި ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ އިދާރީ އެހެން މުވައްޒަފެއްގެ އިހުމާލެއްވާ ނަމަ، އެ ކަންކަމަށް ޒިންމާވާ މުވައްޒަފަށް ފިޔަވަޅު އެޅުމަށް، އެ މައްސަލައަކާ ގުޅުންހުރި ދައުލަތުގެ އިދާރާތަކަށް ހުށަހެޅުމަށް ވެސް އެލްޖީއޭއިން ވަނީ ނިންމާފައެވެ.

މީގެ ކުރިން ވެސް އެލްޖީއޭއިން ވަނީ ގާނޫނީ އަދި އިދާރީ މައްސަލަތަކުގައި ކައުންސިލަރުންނާއި ކައުންސިލްގެ ރައީސުން ސަސްޕެންޑުކޮށް ފިޔަވަޅު އަޅާފައެވެ.