ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާކޮށްފައިވާ ވޭޕް އަދި ވޭޕް ކާޓްރިޖް ވިއްކަމުން ދިޔަ ފޭސްބުކް ޕޭޖެއް ފުލުހުންގެ ބާރުގެ ދަށަށް ގެނެސްފިއެވެ.
މީޑީއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ، މިކަމާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ދެ ގެއަކާއި ދެ އުޅަނދެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕާއި ކާޓްރިޖް ވަނީ ހޯދާފައިވާކަމަށެވެ.
ފުލުހުން މި އޮޕަރޭޝަން ހިންގާފައިވަނީ 2025 ޑިސެންބަރު 5 ވަނަ ދުވަހު، ވޭޕް އަދި ވޭޕް ކާޓްރިޖް ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުންނެވެ. ބަލައިފާސްކުރި ސައިކަލެއްގެ މަޑިދަށުން 89 ވޭޕް ކާޓްރިޖް ފެނިފައިވާއިރު، ބަލައިފާސްކުރި ދެގެއިން އެއް ގެއެއްގެ އެޕާޓްމަންޓަކުން ޖުމްލަ 59 ވޭޕް އަދި ވޭޕް ކާޓްރިޖް ވަނީ ފެނިފައެވެ.
މީގެއިތުރުން ފުލުހުން ވިދާޅުވީ، މިމައްސަލައާ ގުޅިގެން މީހަކު ޖޫރިމަނާކޮށްފައިވާކަމަށާއި އަދި މައްސަލާގައި އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިނުވާކަމަށެވެ. މި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
ރާއްޖެއަށް ވޭޕް އެތެރެކުރުމާއި، ވިއްކުމާއި، ބޭނުންކުރުން މަނާކުރީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުންނެވެ. މި އިސްލާހުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 4 ވަނަ ދުވަހުއެވެ. މި އިސްލާހާއެކު، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި، ހިލޭ ބެހުމާއި، އެ ތަކެތި ބޭނުންކުރުން ވަނީ މަނާކުރެވިފައެވެ.
ގާނޫނަށް ގެނައި ބަދަލުތަކުގެ ތެރޭގައި ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމުގެ ގާނޫނީ އުމުރު 18 އަހަރުން 21 އަހަރަށް ވަނީ ބަދަލުކުރެވިފައެވެ. ވިއްކާ ފަރާތުން ދުންފަތުގެ ބާވަތެއް ގަންނަ މީހަކީ 21 އަހަރު ވެފައިވާ މީހެއްކަން ޔަގީންކުރަން ޖެހެއެވެ.
ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސަށް ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000ރ. އިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000ރ. ގެ މަގުން ޖޫރިމަނާ ކުރާނެއެވެ.
ވޭޕް ވިއްކައިފި މީހަކު ނަމަ 20،000ރ. އިން ޖޫރިމަނާ ކުރުމާއެކު، ވިއްކި ކޮންމެ ވޭޕަކަށް 10،000ރ. ގެ ޖޫރިމަނާއެއް ކުރެވޭނެއެވެ. މީގެ އިތުރުން، ހިލޭ ވޭޕެއް މީހަކަށް ދިނަސް 10،000ރ. ގެ ޖޫރިމަނާއެއް ކުރުމަށް ގާނޫނުގައި ބަޔާންކޮށްފައިވާއިރު، ވޭޕް ބޭނުންކުރާ ކޮންމެ މީހަކަށް 5,000ރ. ގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!