ކޮންމެ ރައްޔިތެއްގެ ޢަބުރަކީ ހަމަހަމަ އެއްޗެއްކަމަށާއި، ޚަބަރު ފެތުރުމުގައި ދެ ފަރާތްވެސް ހަމަހަމަކޮށް، ޙަޤީޤަތް ގެނެސްދެވެންޖެހޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
މާލޭ ސިޓީގެ މާފަންނު އަވަށުގެ ރައްޔިތުންނާއެކު ރޭ ތާޖުއްދީން ސްކޫލުގައި ކުރިއަށްގެންދެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، ނޫސްވެރިކަމަކީ، އެހެން ދާއިރާތައް ފަދައިން ނުހަނު ޒިންމާދާރުކަމާއެކީ ކުރަންޖެހޭ ކަމެއްކަމަށެވެ. ޚަބަރު ފެތުރުމުގައި ދެ ފަރާތްވެސް ހަމަހަމަކޮށް، ޙަޤީޤަތް ގެނެސްދެވެންޖެހޭނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން އެބައެއްގެ އެޑިޓޯރިއަލް ޕޮލިސީއަކީ ސަރުކާރާ ދެކޮޅު ސިޔާސަތެއް ކަމުގައި އިޢުތިރާފުވެވޭ ހިސާބުން، އެބަޔަކަށް ވަކި ފަރާތަކަށް ބުރަވެވުނީ ކަމަށާ، އެއީ ނޫސްވެރިކަމުގެ ބަދަލުގައި ސިޔާސީ ހަރަކާތެއްކަމުގައި ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސް ޔަޤީންކަން ދެއްވީ، ނޫސްވެރިކަމުގެ އިމުގެ ތެރެއިން އެއްވެސް ބަޔަކު ވިދާޅުވާން ބޭނުންފުޅުވާ ވާހަކައަކަށް އެމަނިކުފާނުގެ ސަރުކާރުން ހުރަހެއް ކުރިމަތިނުކުރައްވާނެ ކަމަށެވެ. ނަމަވެސް، އިސްލާމް ދީނުގެ ހުދޫދުން ބޭރުވެ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ޚިލާފުވާފަދަ މޭރުމަކުން އެ ފުރުޞަތު ދެވެން ނޯންނާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ކޮންމެ ރައްޔިތެއްގެ ޢަބުރަކީ ހަމަހަމަ އެއްޗެއް ކަމަށާ، އެއީ އިލާހީ ޤާނޫނު ކަމަށާ، އެ ޤާނޫނާ ޚިލާފުވުމުގެ ފުރުޞަތެއް، ކޮންމެ ލޭބަލެއްގައި އައިކަމުގައި ވީ ނަމަވެސް، އެމަނިކުފާނުގެ ސަރުކާރުން ނުދެއްވާނެ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، އެފަދަ ކަމަކަށް ފުރުޞަތު ދިނުމަކީ އެމަނިކުފާނަށް އޮތް ފުރުޞަތެއް ނޫންކަމަށެވެ. ނަމަވެސް، އެއްވެސް ކަހަލަ ސިޔާސީ ވިސްނުމެއް ނެތި، ދެފަރާތް ހަމަހަމައަށް، ތެދުބަހުން ގެނެސްދެވޭ ކޮންމެ ކަމަކަށް މި ސަރުކާރުން ސައްތަ އިންސައްތަ މަރްޙަބާ ކިޔާނެކަމަށާ، މިފަދައިން ކުރާ ނޫސްވެރިކަމަކަށް އަޅާނެ އެއްވެސް ހުރަހެއް ނޯންނާނެ ކަމުގައި ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!