ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު (ޑަބްލިއު.ޑީ.ސީ) 2026 އަށް ކުރިމަތިލާ ފަރާތްތަކަށް، އިންތިޚާބަށް ކުރިމަތިލުމުގެ ކުރިން ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
2026 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ދެ އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކަށް، މިއަދުން ފެށިގެން ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ކަންކަން ކުރިޔަށް ގެންދެވޭނެކަމަށް އީސީ އިން މިއަދު ކުރި އިޢުލާނެއްގައިބުނެފައވެއެވެ. މިއީ، އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ފުރިހަމަކުރުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ދުރާލާ އެޅި ފިޔަވަޅެއްކަމަށެވެ.
އެ ކޮމިޝަނުން ނިންމާފައިވާ ގޮތުގައި، 2025 ޑިސެންބަރު 1 ގެ ފަހުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީ.ޖޭ.އޭ) އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް (އެމް.ސީ.އެސް) އިން ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރި ފޯމު ބަލައިގަންނާނެއެވެ.
އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ކުށާއި ދަރަނީގެ ރެކޯޑުތަކުގެ ތަފްސީލުތައް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. އެގޮތުން، ޑީ.ޖޭ.އޭގެ ޕޯޓަލް (records.judiciary.gov.mv) އިން، އުމުރަށް ނަގާފައިވާ ކުށާއި ދަރަނީގެ ރެކޯޑު ހުށަހަޅަންޖެހެއެވެ. މީގެ އިތުރުން، އެމް.ސީ.އެސް އިން ފުރިހަމަކުރާ ކުށުގެ ރެކޯޑު ސާފުކުރި ފޯމު ހުށަހަޅަންޖެހެއެވެ. މި ފޯމުގައި، ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، ޙުކުމެއް ތަންފީޒުކުރަމުންދާ މީހެއްކަން ނުވަތަ ނޫންކަން ކަށަވަރުކުރަންޖެހެއެވެ.
ދަރަނީގެ ރެކޯޑުގެ ބަޔަށް ބަލާއިރު، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ފައިސާ ދެއްކުމަށް ދިވެހިރާއްޖޭގެ ކޯޓަކުން ޙުކުމެއް ކޮށްފައިވާނަމަ، އެ އޮތޯރިޓީން ސާފުކޮށްފައިވާ ދަރަނީގެ ރިކޯޑު (ޓެކްސް ކްލިއަރެންސް ރިޕޯޓު) ހުށަހަޅަންޖެހެއެވެ. މިބައި ފުރިހަމަ ކުރަންޖެހެނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތުންކުރެ ޙާލަތެއްގައިވާ މީހެއްކަން ނުވަތަ ނޫންކަން ކަށަވަރުކުރުމަށެވެ.
އެމް.ސީ.އެސް އިން ފުރިހަމަ ކުރަންޖެހޭ ފޯމުގައި، އިންތިޚާބަށް ކުރިމަތިލާ މީހާ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެއް ކުރިކަން ސާބިތުވެ، ޙުކުމެއްކޮށް، އެ ޙުކުމް ނިމުނުތާ ނުވަތަ މަޢާފުކުރެވުނުތާ 7 އަހަރު ވެފައިވާ މީހެއްކަން ނުވަތަ ނޫންކަން ކަށަވަރުކުރަންޖެހެއެވެ. އަދި، ކުޑަކުއްޖަކާމެދު ބަދުއަޚްލާޤީ ޢަމަލެއް ހިންގުމުގެ ކުށާއި، މީހެއްގެ ޢިއްފަތްތެރިކަން ފޭރިގަތުމުގެ ކުށާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ފިޔަވައި އެހެން ޖިނާއީ ކުށެއްގައި 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކޮށްފައިވާނަމަ، އެ ޙުކުމް ނިމުނުތާ ނުވަތަ މަޢާފުކުރެވުނުތާ 3 އަހަރު ވެފައިވާ މީހެއްކަން ނުވަތަ ނޫންކަންވެސް ކަށަވަރުކުރަންޖެހެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!