ހއ.ދިއްދޫ އިސްލާމީ މަރުކަޒުގައި ގާއިމުކޮށްފައިވާ އިސްލާމީ ކުތުބުޚާނާ މިއަދު ހުޅުވައިފިއެވެ.
މިތަން ހުޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދެވެ.
ދިއްދޫ ގައި މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ ދިއްދޫގެ ދަރިވަރުން ވަގުތު ހޯދައިގެން މަދުވެގެން ހަފުތާއަކު އެއްފަހަރު އެތަނުގައި ވަގުތު ހޭދަކޮށް މައުލޫމާތު ލިބިގަތުމަށް އެދިވަޑައިގަތެވެ. އަދި ބެލެނިވެރިން ވެސް އެކަމަށް ސަމާލުކަން ދެއްވުމަށް އެދިވަޑައިގަތެވެ.
ވަޒީރު ވިދާޅުވީ އެ ކުތުބުޚާނާގެ މައިގަނޑު އިސްލާމީ ޢިލްމުގެ ފޮތްތަކަށް ބިނާވެފައިވީނަމަވެސް، އެހެން ދާއިރާތަކުގެ މަޢުލޫމާތު ލިބޭނެ ފޮތްތައް ވެސް އެތަނުގައި ހުރުމަކީ މުހިންމުކަމެއްކަމަށެވެ.
ވަޒީރު ވަނީ އިސްލާމް ދީނުގައި ޢިލްމް ފެތުރުމުގައި ފޮތްތަކުގެ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.
މި ކުތުބުޚާނާ ހުންނަ އިސްލާމީ މަރުކަޒު ހުޅުވާފައި ވަނީ މިއަދުއެވެ. މިތަނުގައި ކުތުބުޚާނާގެ އިތުރުން މިސްކިތަކާއި، ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕަކާއި، މަލްޓި ޕާޕަސް ހޯލަކާއި، ފަސް ކްލާސް ރޫމާއި، ސެމިނަރ ރޫމާއި، އޮފީސް އިމާރާތް އަދިި ސައިކޮޓަރި ހިމެނެއެވެ. މި އިސްލާމީ މަރުކަޒަކީ 1500 މީހުންގެ ޖާގައިގެ ތަނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!