ހއ. ކެލާ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށްގެންދާ ''ކެލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2025''ގެ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހޯރަފުށީގެ ހޯރަ ޔުނައިޓެޑް ހޯދައިފިއެވެ.

އިއްޔެ ހަވީރު ކުޅެވުނު މި މުބާރާތުގެ ފައިނަލްގައި ހޯރަ ޔުނައިޓެޑް ޗެމްޕިއަންކަން ސީދާ ތިން ސެޓުން ހދ. ހަނިމާދޫ ސާއްބަ އެކުވެރި ކްލަބް އަތުން މޮޅުވެގެންނެވެ.

Ad
rt

ފައިނަލް މެޗުގައި ސީދާ ތިން ސެޓުން ހޯރަ ޔުނައިޓެޑް މޮޅުވިނަމަވެސް ސާއްބައިން ވެސް ވަނީ ވާދަވެރި ކުޅުމެއް ދައްކާފައެވެ. ފޯރިގަދަ ކުޅުމެއް ފެނުނު ފައިނަލް މެޗުގައި ހޯރަ ޔުނައިޓެޑް ފުރަތަމަ ސެޓް ގެންދިޔައީ 25-20 އިންނެވެ. ދެވަނަ ސެޓްގައި ވާދަވެރިކަން ބޮޑުވެ، ނޭވާ ހިފަހައްޓާލަން ޖެހޭ ވަގުތުކޮޅެއް ދިޔައެވެ. ނަމަވެސް އެ ސެޓް ވެސް ހޯދީ ހޯރަ ޔުނައިޓެޑެވެ. ހޯރަ ޔުނައިޓެޑް ދެވަނަ ސެޓް ގެންދިޔައީ 29-27 އިންނެވެ. މެޗުގެ ފަހު ސެޓް އެ ޓީމުން ހޯދީ 25-19 އިންނެވެ.

''ކެލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2025''ގެ ވޮލީ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން، ފޮޓޯ: ކެލާ ކައުންސިލް

ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ހޯރަ ޔުނައިޓެޑްގެ ޖޯޒީ ނަންބަރު 14 އަލީ އަސްލަމެވެ.

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިން

  • އިބްރާހީމް ޢަލީ، ޖާޒީ ނަންބަރު 7، ހޯރަ ޔުނައިޓެޑް
  • ޢަލީ އަސްލަމް، ޖާޒީ ނަންބަރު 14، ހޯރަ ޔުނައިޓެޑް
  • ހުސެން ސައީދު، ޖާޒީ ނަންބަރު 5، ހޯރަ ޔުނައިޓެޑް
  • ސުއައިބް އަބުދުއްލަތީފް، ޖަޒީ ނަންބަރު 2، ސާއްބަ އެކުވެރި ކްލަބް
  • އަބުދުﷲ މުހައްމަދު، ޖަޒީ ނަންބަރު 20، ސާއްބަ އެކުވެރި ކްލަބް
  • މުއައްވިޒް ޢަބުދުﷲ، ޖާޒީ ނަންބަރު 10 ކެލާ ޕޮލިސް

ކެލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2025ގެ ރަނަރަޕް އަދި ފެއާޕްލޭ ޓީމް ހަނިމާދޫ ސާއްބަ އެކުވެރި ކްލަބް، ފޮޓޯ: ކެލާ ކައުންސިލް

މުބާރާތުގެ ބެސްޓް ލިބަރޯ އަކަށް ސާއްބަ އެކުވެރި ކްލަބްގެ ޖާޒީ ނަންބަރު 10 އަލީ ޚާލިދު ހޮވުނުއިރު، މުބާރާތުގެ މޯސްޓް ޕްރޮމޮސިން ޕްލެޔަރަކަށް ހޮވުނީ ވެސް ސާއްބައިގެ ޖާޒީ ނަންބަރު 77، ނައިސަމް އާދަމް ސައީދުއެވެ. މުބާރާތުގެ ބެސްޓް ކޯޗަކަށް ހޮވުނީ ހޯރަ ޔުނައިޓެޑްގެ ސިނާހް ސައީދު އެވެ.

މި މުބާރާތުގެ ކިންގް އޮފް ޓޯނަމަންޓްގެ މަގާމު ހޯދީ، ހޯރަ ޔުނައިޓެޑްގެ ޖާޒީ ނަންބަރު 7، އިބްރާހީމް ޢަލީއެވެ. އަދު ފެއާޕްލޭ ޓީމަކީ ސާއްބަ އެކުވެރި ކްލަބެވެ.

ކެލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2025'ގެ ވޮލީ މުބާރާތުގެ ޗެމްޕިއަން ހޯރަ ޔުނައިޓެޑް، ފޮޓޯ: ކެލާ ކައުންސިލް

މި މެޗު ޝަރަފްވެރިކޮށްދެއްވީ ވޮލީ ބޯޅަ އެސޯސިއޭޝަންގެ ނައިބު ރައީސް އާއިދާ އަބުދުލް ޙަކީީމް އެވެ. މި ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މެމްބަރު ޢަލީ މޫސާ އާއި، ކެލާ ކައުންސިލްގެ ރައީސް ޢަބުދުﷲ އިންފާޒް އާއި ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު (ވައްޑެ) އާއި ބައެއް ރަށްރަށުގެ ކައުންސިލަރުން ވަނީ ބައިވެރިވެފައެވެ.

މި ފިއެސްޓާގެ ހޭންޑް ބޯލް މުބާރާތުގެ ފައިނަލްގައި ކެލާ ސައިޚް އިބްރާހީމް ސްކޫލާއި ވާދަކޮށް ކެލާ ޕޮލިސް ޓީމުން ވަނީ 12-5 ލަނޑުން މޮޅުވެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި ފުޓްސަލް ފައިނަލުގައި ކެލާ އުސްގަނޑު ސްޕޯޓްސް އާއި ކްލަބް ރޭވަން ބައްދަލުކުރި މެޗު 6-1 އިން ކާމިޔާބުކޮށް އުސްގަނޑު ސްޕޯޓްސް ވަނީ ޗެމްޕިއަންކަން ހޯދާފައެވެ.