ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މާދަމާ ރޭ މައްޗަންގޮޅީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.

މިއީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ފެއްޓެވި ސިލްސިލާގެ ދެވަނަ ބައްދަލުވުމެވެ. މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުން އޮތީ އާދީއްތަ ދުވަހުގެ ރޭ ވިލިމާލޭގައި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްޞަކޮށްގެންނެވެ.

Ad
rt

ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ، ރައްޔިތުންނާ ގާތުން ބައްދަލުކުރެއްވުމުގެ މި މަސައްކަތްޕުޅުގެ ތެރެއިން މައްޗަންގޮޅީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވޭ ބައްދަލުވުން އޮންނާނީ 2025 ނޮވެމްބަރު 25 ވާ އަންގާރަ ދުވަހުގެރޭ 20:30 ގައި އަމީނިއްޔާ ސްކޫލްގައި ކަމަށެވެ.

ތަރުޖަމާނު ހީނާ ވަލީދު އިތުރަށް ވިދާޅުވީ، މައްޗަންގޮޅީގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް ވެސް މި ބައްދަލުވުމުގެ ދަޢުވަތު އަރުވާކަމަށެވެ.

މާލޭގެ އެހެން އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ މަސައްކަތް ވެސް ކުރިއަށް އޮތްތަނުގައި ކުރިއަށްދާނެ ކަމަށް ރައީސް އޮފީހުން ވަނީ ހާމަކުރައްވާފައެވެ.

މި ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ، ރައްޔިތުންގެ ކަންބޮޑުވުންތައް ގާތުން އަޑުއައްސަވައި، ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ރައްޔިތުންގެ ޚިޔާލު ހޯއްދެވުންކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް މުޢިއްޒު ވަނީ، މާލޭގެ އަވަށްތަކުގެ ތަރައްގީ ކުރިއަށްގެންދާނޭ ގޮތުގެ މަޝްވަރާ ކުރެެއްވުމަށް، މާލޭގެ އަވަށްތަކަށް އަމާޒުކޮށްގެން މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ ފަރާތްތަކާއެކު ބައްދަލުވުންތަކެއް ބާއްވަވަން ނިންމަވާފައިވާކަން، މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް، 17 ނޮވެމްބަރު 2025 ގައި "ރައްޔިތުންނާއެކު ކުރިއަށް- ހަފުތާ 104" ނަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ޢިއުލާންކުރަށްވާފައެވެ.