ހއ. ފިއްލަދޫ ކައުންސިލްގެ އިދާރާގެ މާލީ އަދި އިދާރީ ކަންކަމުގައި ގިނަ މައްސަލަތަކެއް ހުރިކަން އޮޑިޓް އޮފީހުން އިއްޔެ އާންމުކުރި އޮޑިޓް ރިޕޯޓަކުން ފާހަގަވެއްޖެއެވެ.
މި ރިޕޯޓުގައި ވަނީ ވެހިކަލް ހޯދުމާއި، ބިން ދޫކުރުމާއި، އަދި ފަތުރުވެރިކަމުގެ ބިންތަކުގެ ކުލި މާފުކުރުމާ ގުޅޭ ގޮތުން ކައުންސިލްގެ ނިންމުންތަކުގައި ހަރުދަނާ އުސޫލުތަކެއް ނެތްކަމާއި، ވަކި ފަރާތްތަކަށް މަންފާވާ ގޮތަށް އަމަލުކޮށްފައިވާކަމަށެވެ.
ޑަމްޕް ލޮރީ ހޯދުމުގައި އުސޫލާ ޚިލާފުވުން:
ކައުންސިލްގެ އިދާރާއަށް ޑަމްޕް ލޮރީއެއް ހޯދުމަށް ކުރި އިއުލާނުގައި، 2016 ވަނަ އަހަރު ނުވަތަ އެއަށްވުރެ ފަހުގެ އަހަރެއްގައި އުފައްދާފައިވާ ވެހިކަލެއް ހޯދުމަށް ބަޔާންކޮށްފައިވީ ނަމަވެސް، އިދާރާއިން ބަލައިގެންފައިވަނީ 2010 ވަނަ އަހަރު އުފައްދާފައިވާ ވެހިކަލެކެވެ.
މި ވެހިކަލްގެ އަގުގެ %60 އަށްވާ 297,360 ރުފިޔާ ދައްކާފައިވާއިރު، ވެހިކަލް ހަވާލުކުރިތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވީ ނަމަވެސް، ކައުންސިލްގެ ނަމަށް ރަޖިސްޓްރީކޮށްފައި ނުވެއެވެ.
މީގެ އިތުރުން، އެހެން ކައުންސިލެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ވެހިކަލެއްގެ ބޯޑު ހަރުކޮށްގެން މި ވެހިކަލް ބޭނުންކުރަމުން ގޮސްފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ފަތުރުވެރިކަމުގެ ބިންތައް ދޫކުރުމުގައި ހަރުދަނާ އުސޫލެއް ނެތުން:
ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ވިޔަފާރިތައް ކުރުމަށް (ޓޫރިޒަމް ވިލެޖުން) 50 އަހަރަށް 66 ބިން އަދި ބަނދަރު ސަރަޙައްދުން 25 އަހަރަށް 14 ބިން ދޫކުރުމުގައި ހަރުދަނާ އުސޫލެއް އެކުލަވާލާފައި ނުވާކަމަށް ރިޕޯޓުގައިވެއެވެ. އަދި ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގައި ކައުންސިލަށް އެންމެ ފައިދާވާ ގޮތަށް އަމަލުކޮށްފައި ނުވާކަމަށް ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ބިންތައް ކުއްޔަށް ދޫކުރި ސަރަޙައްދަކީ ކަރަންޓުގެ ޚިދުމަތް ލިބޭ ސަރަޙައްދަކަށް ނުވުމާއި، އެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމަށް ބޮޑު ހޭދައެއް ކުރަންޖެހޭތީ، ބިން ދޫކުރިތާ ދެ އަހަރު ފާއިތުވެގެން ދިޔައިރުވެސް އެންމެ ބިމެއް ފިޔަވައި އެއްވެސް ބިމެއްގައި މަސައްކަތް ފަށާފައި ނުވެއެވެ.
ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިން ވިއްކުމުގެ މުއާމަލާތްތަކުގައި ބޮޑެތި ފައިދާތައް:
މާލީ ޤާބިލުކަމަށް ޕޮއިންޓް ދިނުމުގައި ބިމުގައި ކުރަންޖެހޭ އިންވެސްޓްމަންޓަށް އެއްވެސް ވަރަކަށް ރިޢާޔަތް ނުކޮށް އުސޫލު އެކުލަވާލާފައިވުމާއި، ޤާބިލުކަމަށް ދީފައިވާ ބުރަދަން ކުޑަވުމުގެ ސަބަބުން، ބޮޑު އިންވެސްޓްމަންޓެއް ކުރުމުގެ ޤާބިލުކަން ނެތް ފަރާތްތަކަށް ބިން ލިބުމުގެ ފުރުސަތު ހުޅުވިގެން ގޮސްފައިވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ނަތީޖާއެއްގެ ގޮތުން، ބިން ލިބުނުތާ 2 ދުވަހާއި 257 ދުވަހުގެ ތެރޭގައި އެހެން ފަރާތްތަކަށް 19 ބިން ވިއްކައިގެން، 2,395,000 ރުފިޔާގެ ފައިދާއެއް ނަގާފައިވާކަން ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ކުލި މާފުކުރުމުގެ ނިންމުމުގައި މަސްލަހަތު ފުށުއެރުން:
ފަތުރުވެރިކަމަށް ބިން ދޫކުރުމާ ގުޅޭ އުސޫލުގައި ކުލި މާފުކުރެވޭ މުއްދަތުކަމަށް ބަޔާންކުރި 3 މަސް ދުވަހުގެ މުއްދަތު 24 މަސް ދުވަހަށް އިތުރުކުރުމަށް ކައުންސިލުން 03 ޖޫން 2025 ގައި ނިންމުމާ ގުޅިގެން 30.6 މިލިއަން ރުފިޔާ ކައުންސިލަށް ގެއްލިފައިވާކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
މި ނިންމުން ނިންމުމަށް ބޭއްވުނު ބައްދަލުވުމުގައި ޖުމުލަ 3 މެންބަރުން ބައިވެރިވެ ވޯޓު ދީފައިވާއިރު، އޭގެ ތެރެއިން އެއް މެންބަރަކީ މިކަމުގެ މަސްލަހަތު ހިމެނޭ ފަރާތެއް ކަމުގައިވުމާއި، މި ބައްދަލުވުމުގެ ޔައުމިއްޔާ 7 ސެޕްޓެމްބަރ 2025 ގެ ނިޔަލަށްވެސް ފާސްކޮށްފައި ނުވާކަން ފާހަގަކޮށްފައިވެއެވެ. އަދި އެއްބަސްވުންތަކުގައި ސޮއިކުރާ ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ފެށުމަށް ބަޔާންކޮށްފައިވީ ނަމަވެސް، 6 މަސް ތެރޭގައި އަސާސީ ޚިދުމަތް ދެވޭނެފަދަ އެއްވެސް އިންތިޒާމެއް ހަމަނުޖައްސައި، ފަހުގެ ތާރީޚެއްގައި 2 އަހަރު ދުވަހުގެ ކުލި ނުނަގާ ގޮތަށް ހަމަޖެއްސުމަކީ ވަކި ބަޔަކަށް މަންފާވާ ގޮތަށް ކޮށްފައިވާ ކަމެއްކަމުގައި ބެލެވޭކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ފަތުރުވެރިކަމަށް ބިން ދޫކުރުމުގައި 69 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން:
ރިޕޯޓުގައި ފާހަގަކުރެވިފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ފަތުރުވެރިކަމުގެ ބޭނުމަށް ބިން ދޫކުރުމަށް ކުރެވުނު އިއުލާނާ ގުޅިގެން ކައުންސިލްގެ އިދާރާއަށް ޖުމުލަ 55,037,813 ރުފިޔާގެ ގެއްލުން ލިބިފައިވުމެވެ.
މި ގެއްލުން ލިބިފައިވަނީ، އަހަރުން އަހަރަށް ކުލި އިތުރުވާނެ ގޮތަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގައި، އެއްބަސްވުމުގެ މުއްދަތުގައި ލިބޭނެ ޖުމުލަ އާމްދަނީއަށް ބަލައިގެން މާކްސް ދިނުމުގެ ބަދަލުގައި، ފުރަތަމަ އަހަރަށް ހުށަހަޅާފައިވާ ރޭޓަށް ބަލައިގެން އިވެލުއޭޓް ކުރުމުގެ ސަބަބުންނެވެ. ނަތީޖާއެއްގެ ގޮތުން އެންމެ ގިނަ މާކްސް ލިބޭ ފަރާތްތައް ބަދަލުވެ، 8 ބިމަކުން މި ބޮޑު ގެއްލުން ލިބިފައިވެ އެވެ.
މީގެ އިތުރުން، އެއްބަސްވުމުގައި ބިމު ކުއްޔާއި ސީއެސްއާރު ހިމަނާފައިވުމުގެ ސަބަބުން 14،914،360 ރުފިޔާގެ އިތުރު ގެއްލުމެއް ވެސް ކައުންސިލަށް ލިބިފައިވެ އެވެ.
އޮޑިޓަރުން ފާހަގަކޮށްފައިވަނީ ބިންތައް އިވެލުއޭޓް ކުރުމާއި އެއްބަސްވުންތައް ތައްޔާރުކުރުމުގައި ކައުންސިލްގެ އިދާރާއަށް އެންމެ ފައިދާވާނެ ގޮތަށް އަމަލުކޮށްފައި ނުވާކަމަށެވެ.
މުވައްޒަފުންނާއި ގުޅުންހުރި ފަރާތްތަކަށް ބިން ދޫކުރުމުގައި އުސޫލެއް ނެތުން:
ފަތުރުވެރިކަމުގެ ބޭނުމަށް ބިން ދޫކުރުމަށް ކުރެވުނު އިއުލާނާ ގުޅިގެން ކައުންސިލް އިދާރާގެ މުވައްޒަފުންނާއި މުވައްޒަފުންނާ ގުޅުންހުރި ފަރާތްތަކުން ބިންތަކަށް ކުރިމަތިލާފައިވެ އެވެ. ނަމަވެސް، މިފަދަ ފަރާތްތަކުން ކުރިމަތިލުމުގައި ޢަމަލުކުރާނެ އުސޫލެއް ކައުންސިލް އިދާރާއިން އެކުލަވާލާފައި ނުވާއިރު، މިފަދަ ފަރާތްތަކަށް 20 ބިން ކުއްޔަށް ދޫކޮށްފައިވެ އެވެ. އޮޑިޓްކުރި ތާރީޚު (05 މޭ 2025) ނިޔަލަށް، މުވައްޒަފުންނާއި ގުޅުންހުރި ފަރާތްތަކަށް ލިބުނު ބިންތަކުގެ ތެރެއިން 7 ބިން ވަނީ ވިއްކާލާފަ އެވެ. މިކަމުގެ ސަބަބުން، ބިން ދޫކުރުމުގެ އުސޫލުތައް ހަރުދަނާ ނުކުރެވި، އިންސާފުވެރިކަން ކުޑަ ގޮތަކަށް ބައެއް ފަރާތްތަކަށް ފުރުސަތު ލިބިފައިވާކަމެވެ.
ބަނދަރު ސަރަޙައްދުގެ ބިންތައް ދޫކުރުމުގައި އުސޫލާ ޚިލާފުވުން:
ވިޔަފާރި އުސޫލުން ބަނދަރު ސަރަޙައްދުން ބިން ދޫކުރުމަށް ކޮށްފައިވާ އިއުލާނާ ގުޅިގެން، 14 ޖޫން 2023 ގައި ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް އޮޑިޓަށް ފޯރުކޮށްދީފައި ނުވެ އެވެ. މިކަމުގެ ސަބަބުން، ދޫކޮށްފައިވާ 14 ބިން ހަވާލުކޮށްފައިވަނީ 'ވިޔަފާރި އުސޫލުން ބަނދަރު ސަރަޙައްދުން ބިން ދޫކުރުމުގެ އުސޫލު' ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާފައިވާ ފަރާތްތައް ކަމަށް ކަށަވަރުކުރެވިފައެއް ނުވެ އެވެ.
ލިބެންޖެހޭ ފައިސާ ނުލިބުމުގެ މައްސަލަ:
އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2024 ވަނަ އަހަރުގެ ނިޔަލަށް ކައުންސިލްގެ އިދާރާއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 199,856 ރުފިޔާ ލިބިފައި ނުވެ އެވެ. މި އަދަދުގެ ތެރެއިން 155,738 ރުފިޔާއަކީ ވިޔަފާރި އުސޫލުން ބަނދަރު ސަރަޙައްދުން ދޫކޮށްފައިވާ 14 ބިމަކަށް އޮގަސްޓް 2024 އިން ފެށިގެން ލިބެންޖެހޭ ފައިސާ އެވެ.
މި ފައިސާ ހޯދުމަށް ކައުންސިލްގެ އިދާރާއިން ސިޓީތައް ފޮނުވާފައި ވީ ނަމަވެސް، ފައިސާ ނުދައްކާ ފަރާތްތަކާ މެދު އިތުރު ފިޔަވަޅުތައް އަޅާފައި ނުވާކަން ރިޕޯޓުން ހާމަވެ އެވެ.
މި މައްސަލަތަކާ ގުޅިގެން ކައުންސިލްގެ އިދާރާއިން އަޅާނެ ފިޔަވަޅުތަކާއި، މިކަމުގައި ޒިންމާދާރު ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!