ނުހަނު ގިނަ ގޮންޖެހުންތަކާއެކުވެސް ޤައުމަށް ކުރިއެރުން ހޯއްދަވައިދެއްވުމަށް ރައީސް ޑރ، މުޙައްމަދު މުޢިއްޒު ކުރެއްވި މަސައްކަތްޕުޅަށް ތަޢުރީފް ހައްޤުކަމަށް ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތް (ނ.މ.ޝ.ޢ)ގެ ވެރިޔާ އަދި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ޤާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
މިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ގޮތުގައި ވެސް ހުންނެވި ޤާސިމް މިހެން ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ތަހުނިޔާ ފޮނުއްވައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޤާސިމް ފާހަގަކުރެއްވި ގޮތުގައި ފާއިތުވި ދެ އަހަރު ދުވަހަކީ ނުހަނު ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ދުވަސްވަރެކެވެ. އެހެންނަމަވެސް، މި ގޮންޖެހުންތަކާއެކުވެސް ރައީސް މުޢިއްޒު މި ޤައުމަށް ކޮށްދެއްވި ޚިދުމަތްތަކާއި، ތަރައްޤީގެ ނާރެހުގައި ޤައުމަށް މާނަހުރި ކުރިއެރުން ހޯއްދެވުމަށް ކުރެއްވި ބުރަ މަސައްކަތްޕުޅުތަކަށް ތަޢުރީފު ހައްޤުކަމަށް ޤާސިމް ވިދާޅުވިއެވެ.
ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ @MMuizzu ޒަޢާމަތަށް ކާމިޔާބު 2 އަހަރު ފުރުމުގެ ތަހްނިޔާ އަރިސް ކުރަމެވެ.
ފާއިތުވި 2 އަހަރު ދުވަހު ނުހަނު ގިނަ ގޮންޖެހުންތަކާއި އެކުވެސް މަނިކުފާނު މި ޤައުމަށް ކޮށްދެއްވި ޚިދުމަތްތަކާއި، ތަރައްޤީގެ ނާރެހުގައި ޤައުމަށް މާނަހުރި ކުރިއެރުން… pic.twitter.com/jKSo925plM— Qasim Ibrahim (@qasimibrahim) November 17, 2025
ޤާސިމް އިތުރަށް ވިދާޅުވީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުން އެޅުއްވި މުހިންމު ފިޔަވަޅުތަކުގެ ނަތީއްޖާ، ﷲގެ ރަޙްމަތާއެކު، ދަތުރު ކުރަނީ ކާމިޔާބުގެ މަގަށް ކަމަށެވެ.
ޤާސިމް ފާހަގަކުރެއްވި ގޮތުގައި މި ކުރު މުއްދަތުގައި ހާޞިލް ކުރެވުނު ކާމިޔާބީތައް ދައްކުވައިދެނީ ރައީސްގެ ދުރުވިސްނުންފުޅާއި ސަރުކާރުގެ އެޖެންޑާ ބައްޓަންކޮށް މަގުދައްކައިދިނުމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއްގެ ބުރަ މަސައްކަތާއި އިޚްލާސްތެރި އެއްބާރުލުން ކަމަށެވެ.
ޤާސިމް ވަނީ ރައީސްގެ އިރުޝާދުގެ ދަށުން ރައްޔިތުންނާއި ގާތުން ޚިދުމަތްކުރައްވާ ވަޒީރުންނާއި، ކުންފުނިތަކުގެ ވެރީންނާއި، ބަދަހި ޕާލިމެންޓްރީ ގުރޫޕަށް ސާބަސް ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!