ރެޕިޑް ޗެސް ޗެލެންޖް ކެޑޭޓް ޑިވިޝަން މާދަމާ ފަށާގޮތަށް ހަމަޖެހިއްޖެއެވެ.

ޖުމްލަ 89 ކުޅުންތެރީންނާއެކު ފަށާ މިމުބާރާތުގެ ކުޅުން އޮންނާނީ ހުޅުމާލެ ޗެސް އާކޭޑް ގައެވެ.

Ad
rt

ހަތަރު އުމުރުފުރަޔަކަށް ބަހާލައިގެން ބާއްވާ މި މުބާރާތް އިންތިޒާމް ކުރާ ޖީނިއަސް ޗެސް އެކަޑެމީގެ ޖީ.އެސް ހުސެއިން ރަޝީދު "ތިލަދުން" އަށް ވިދާޅުވި ގޮތުގައި 8 އަހަރުންދަށުގެ 11 ކުޅުންތެރިންނާއި 10 އަހަރުންދަށުގެ 30 ކުޅުންތެރިން މުބާރާތުގައި ވާދަކުރާނެއެވެ. އަދި 12 އަހަރުން ދަށުގެ 26 ކުޅުންތެރިންނާއެކު 14 އަހަރުންދަށުގެ 22 ކުޅުންތެރިން މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވެއެވެ.

މުބާރާތުގެ ފުރަތަމަ ހަތަރު ރައުންޑް އޮންނާނީ ބުރާސްފަތި އަދި ހުކުރު ދުވަހުގެރޭ 19:00 އިން ން20:45 އަށެވެ. އަދި ބާކީ 5 ރައުންޑް އޮންނާނީ ހޮނިހިރު ދުވަހު 09:00 އިން 15:45 އަށެވެ.

ފީޑޭ ރޫލްސް އޮފް ޗެސް ގެ ޤަވައިދަށް ކުޅޭ މުބާރާތުގެ ޓެކްނިކަލް މީޓިން މިރޭ އޮންނައިރު، މުބާރާތައް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަން ހުސެއިން ފާހަގަކުރެއްވިއެވެ.

މުބާރާތަކީ ޖީނީއަސް ޗެސް އެކަޑެމީ އަދި މޯލްޑިވްސް ޗެސް ކްލަބް ގުޅިގެން މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ ފުރިހަމަ އެއްބާރުލުމާއެކު ބާއްވާ މުބާރާތެކެވެ.