ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ "ތިލައުތުރު ފުޓްސަލް މުބާރާތް 2025" ކެލާ އާއި ދިއްދޫ ބައްދަލުކުރި މެޗުން ދިއްދޫ ކުރިހޯދާފައިވާއިރު، އިހަވަންދޫ އަދި ހޯރަފުށި ބައްދަލުކުރި މެޗު އިހަވަންދޫ ކާމިޔާބުކޮށްފިއެވެ.
ހއ. އުތީމުގައި މިހާރު ކުރިއަށްދާ މި މުބާރާތުގެ 7 ވަނަ މެޗުގައި މިރޭ ބައްދަލުކޮށްފައިވަނީ ކެލާ އާއި ދިއްދޫ އެވެ. މި މެޗުގައި ދިއްދޫ އިން ކެލާ ޓީމުގެ މައްޗަށް ކުރި ހޯދާފައިވަނީ 4-0 ގެ ނަތީޖާ އަކުން ކެލާ ބަލިކޮށްގެންނެވެ. މިރޭގެ މެޗުގައި ދިއްދޫ ޓީމުން ވަނީ މެޗު ފެށުނުތާ ދޮޅު މިނެޓުގެ ތެރޭގައި ލަނޑެއް ކާމިޔާބުކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްފައިވަނީ، ދިިއްދޫ ޓީމުގެ ކެޕްޓަން ތައުމީން އެވެ.
ދިއްދޫ އާއި ކެލާ ބައްދަލުކުރި މި މެޗުގެ 'މޭން އޮފް ދަ މެޗް' ހޯދާފައިވަނީ ދިއްދޫ ޓީމުގެ ކުޅުންތެރިޔާ މުޙައްމަދު ނައުޝާދު އެވެ. ނައުޝާދު ވަނީ މި މުބާރާތުގެ 2 ވަނަ މެޗު ކަމަށްވާ މުރައިދޫ އަދި ދިއްދޫ ބައްދަލުކުރި މެޗުންވެސް 'މޭން އޮފް ދަ މެޗް' ހޯދާފައެވެ.
މި މުބާރާތުގެ 8 ވަނަ މެޗު މިރޭ ދިއްދޫ އަދި ކެލާ ބައްދަކުރި މެޗަށް ފަހު ކުޅިފައިފައިވާއިރު، މި މެޗުގައި ވާދަކުރީ އިހަވަންދޫ އާއި ހޯރަފުއްޓެވެ. އެގޮތުން މި މެޗުގައި އިހަވަންދޫ އިން ހޯރަފުށީ ޓީމު ބަލުކޮށްފައިވަނީ 2-0 ގެ ނަތީޖާ އަކުން މޮޅުވެގެންނެވެ. މި މެޗުގެ ފުރަތަމަ ހާފުގެ 2 މިނެޓު ތެރޭގައި އިހަވަންދޫ ޓީމަށް ލަނޑު ކާމިޔާބުކޮށްދީފައިވަނީ އެ ޓީމުގެ ކެޕްޓަން ފަޒީލް އެވެ.
އިހަވަންދޫ އާއި ހޯރަފުށީ ބައްދަލުކުރި މެޗުގެ 'މޭން އޮފް ދަ މެޗް' ހޯދާފައިވަނީ އިހަވަންދޫ ޓީމުގެ ކުޅުންތެރިޔާ އިބްރާހީމް ހާމިދު އެވެ.
މި މުބާރާތުގައި މާދަމާ ހަވީރު ވާދަކުރުމަށް ހަމަޖެހިފައިވަނީ ހޯރަފުއްޓާއި އުތީމު ޓީމެވެ. އަދި އެ މެޗަށް ފަހު މާދަމާ ރޭ ބައްދަލުކުރަނީ ފިއްލަދޫ އަދި އިހަވަންދޫ ޓީމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!