ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށް ފަށައިގެން ކުރިއަށްގެންދާ މުބާރާތެއްކަމަށްވާ، ''ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕް 2025/2026'' ގެ އުތުރު ރީޖަން ޒޯނުގެ ހދ. އަތޮޅުގެ މިއަދުގެ މެޗުގައި ހަނިމާދޫ ޓީމުން ނެއްލައިދޫ ބަލިކޮށްފިއެވެ.
ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ގައި ކުރިއަށްގެންދާ މި މުބާރާތުގައި، ހަނިމާދޫ ޓީމުން ނެއްލައިދޫ ބަލިކޮށްފައިވަނީ 3-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
އެގޮތުން މިއަދުގެ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ 10:57 ވަނަ މިނެޓުގައި ހަނިމާދޫ ޓީމުންނެވެ. އަދި މެޗުގެ 16:40 ވަނަ މިނެޓުގައި ނެއްލައިދޫ ޓީމަށް ލިބުނު ޕެނަލްޓީއަކާއެކު ނަތީޖާ 1-1 އަށް އެއްވަރުކުރި ނަމަވެސް ހަނިމާދޫ ޓީމުން ވަނީ އަނެއްކާވެސް ލަނޑެއް ޖަހައި ނަތީޖާ ބަދަލުކޮށްފައެވެ.
މި މުބާރާތުގައި ދެން ވާދަކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 7 ވާ ހުކުރު ދުވަހު ކުޅުދުއްފުށީ ޓީމާއި ހަނިމާދޫ އެވެ. އަދި މި އަންނަ ހޮނިހިރު ދުވަހު ނެއްލައިދޫ އަދި ނޮޅިވަރަމް ބައްދަލުކުރާއިރު، މި މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހު 11 ވަނަ ދުވަހުއެވެ.
މި މުބާރާތުގައި ހދ.އަތޮޅުން ބައިވެރިވެފައި ވަނީ ކުޅުދުއްފުށީ ސިޓީ، ހަނިމާދޫ، ނެއްލައިދޫ އަދި ނޮޅިވަރަމެވެ. އަދި ހއ.އަތޮޅުން ބައިވެރިވީ ދިއްދޫ އާއި އިހަވަންދޫ އެވެ. މި ދެ ޓީމުގެ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. އަދި މި ދެ ޓީމު ވާދަކުރާ ދެ ވަނަ މެޗު ކުޅެނީ މި މަހު 9 ވަނަ ދުވަހު އެވެ.
ށ. އަތޮޅުގެ އެއްވެސް ރަށަކުން މި މުބާރާތުގައި ބައިވެރިވެފައިނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!