ދިވެހިރާއްޖެ އިޤްތިޞާދީ ގޮތުން ތަރައްޤީ ހާސިލުކުރެވޭ ވަރުގަދަ ޤައުމަކަށް ވުމަށްޓަކައި، ވަރުގަދަ މިލިޓަރީ ބާރެއްގެ ގޮތުގައި އޮތުން ލާޒިމުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމް.އެން.ޑީ.އެފް. ގެ އެއަރ ކޯރގެ ގަން އެއަރ ސްޓޭޝަން އިފްތިތާޙްކޮށްދެއްވުމަށް އައްޑޫސިޓީ ގަމުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރިޔާސީ ބަޔާން އިއްވިއިރު، ރާއްޖޭގެ އުތުރާއި ދެކުނުގައި މިފަދަ މަރުކަޒުތައް، ސްޓޭޝަންތައް ހަދާނެ ކަމަށް ދެންނެވި ކަމަށާއި، އެގޮތުން މިއަދު އެއަރކޯގެ ފުރަތަމަ ސްޓޭޝަން ހުޅުވިގެން ގޮސްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، އަހަރު ނިމެންވާއިރަށް، އުތުރުގައި، ށ. އަތޮޅު ފުނަދޫގައި ހަދަމުންދާ މަރުކަޒު ހެދުމުގެ މަސައްކަތްވެސް ބާރު ސްޕީޑުގައި ކުރިއަށްގެންދަވާނެ ކަމަށެވެ.
މީގެއިތުރުން، ވައިގެ ބާރަށް، އެއްގަމުގެ ބާރަށް، އަދި ކަނޑުގެ ބާރަށް ބޭނުންވާ އިތުރު ވަސީލަތްތައް ހޯދައިދިނުމަކީ، ސަރުކާރުން މިހާރު ފަށާފައިވާ މަސައްކަތްތައް ކަމަށާއި، މި މަސައްކަތްތައްވެސް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ކޯސްޓް ގާޑުގެ ފްލީޓް ދެގުނަ ކުރުމަށް ކަނޑައެޅި ސިޔާސަތުގެ ދަށުން ކުރެވެންފެށި މަސައްކަތްވެސް ކާމިޔާބުކަމާއެކީ ކުރިއަށްދާ ކަމަށާއި، މެރިންކޯގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ފެށިފައިވާ މަސައްކަތްތަކުގެ ތެރެއިން ބައެއް ކަންކަން ހާސިލުކުރެވި، އިތުރު ކަންތައްތައްވެސް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވި ގޮތުގައި ސިފައިންގެ އިންސާނީ ތަރައްޤީއަށްވެސް ކޮށްދޭންޖެހޭ ގިނަ މަސައްކަތްތަކެއް ފެށިފައިވާ ކަމަށާއި، މި އަންނަ އަހަރަށް ބަޖެޓު ކުރެވިފައިވެސް އޭގެ ބައެއް ކަންކަން ހުރި ކަމަށެވެ. މި ކޮންމެ ކަމަކީ ދިވެހި ރައްޔިތުންނަށް، ދިވެހި ޤައުމަށް ނުހަނު ފައިދާވާނެ ކަންތައްތައް ކަމަށާއި، އިޤްތިޞާދީ ގޮތުން މި ޤައުމަކީ ރެސިލިއަންޓް، ތަރައްޤީ ހާސިލުކުރެވޭ ވަރުގަދަ ޤައުމަކަށް ވެގެންދިޔުމުގައިވެސް، ވަރުގަދަ މިލިޓަރީ ބާރެއްގެ ގޮތުގައި މި ޤައުމު އޮތުމަކީ، ކޮންމެހެން ލާޒިމުކަމެއް ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
ޤައުމަށް ބޮޑެތި އިންވެސްޓްމަންޓްތައް އަންނާނީ، އެ ޤައުމަކީ ސޭފް ތަނެއްގެ ގޮތުގައި، އިންވެސްޓަރުންނަށް ގަބޫލުކުރެވޭނަމަ ކަމަށާއި، އަޅުގަނޑުމެންގެ ކެޕޭސިޓީ، ކޭޕެބިލިޓީ އެ މަގުން ގާއިމުކުރެވިފައިވާ ކަމަށް ގަބޫލުކުރެވޭވަރު އިތުރުވާ މިންވަރަކަށް، މި ޤައުމުގެ އިޤްތިޞާދުވެސް ކުރިއަށްދާނެ ކަމަށާއި، އިޤްތިޞާދަށް އިންވެސްޓްކުރާނެ ފަރާތްތައްވެސް އިތުރުވަމުންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ދުނިޔޭގައި ތަރައްޤީވެފައިވާ އިސްލާމީ ޢަރަބި ޤައުމުތަކުގައިވެސް ތަރައްޤީ ހާސިލުކުރެވިފައިވާ ގޮތަށް ބަލާއިރު، މިއީ އެ ޤައުމުތަކުންވެސް ކަންކަން ކުރަމުންދިޔަ ގޮތް ކަމަށާއި، ކުރަމުންދާވެސް ގޮތް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ނޭޝަނަލް އައިޑެންޓިޓީ ހިމާޔަތްކުރެވި، އިސްލާމީ ވަޙުދަތު ކަށަވަރު ކުރެވި އޮންނަ ގޮތަށް، ޤައުމު އިޤްތިޞާދީގޮތުން ހުޅުވާލުމަށްޓަކައި، މި ކުރެވޭ މަސައްކަތުގައި، މި ޤައުމުގައި ވަރުގަދަ މިލިޓަރީ ބާރެއް، އެމް.އެން.ޑީ.އެފް.ގައި ޤާއިމުވެފައި އޮތުމަކީ، ހަމަ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!