ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށް ފަށައިގެން ކުރިއަށްގެންދާ މުބާރާތެއްކަމަށްވާ، ''ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕް 2025/2026'' ގެ އުތުރު ރީޖަން ޒޯނުގެ މެޗުން، މިއަދު ނެއްލައިދޫ ބަލިކޮށް ޓީމު ކުޅުދުއްފުށިން ފެށުން ރަނގަޅުކޮށްފިއެވެ.

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ގައި ކުރިއަށްގެންދާ މި މުބާރާތުގައި، ޓީމް ކުޅުދުއްފުށިން މިއަދުގެ މެޗު ކާމިޔާބުކޮށްފައިވަނީ 4-2 ގެ ނަތީޖާއަކުން ނެއްލައިދޫ ޓީމު ބަލިކޮށްގެންނެވެ.

Ad
rt

މިގޮތުން މި މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 12 ވަނަ މިނެޓުގައި ޓީމް ކުޅުދުއްފުށީގެ ކުޅުންތެރިޔާ ޝިފާން އެވެ. އަދި ދެންވެސް ދެ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައިވަނީ މެޗުގެ 17 ވަނަ މިނެޓު އަދި 38 ވަނަ މިނެޓުގައި ޓީމު ކުޅުދުއްފުށިންނެވެ.

މެޗުގެ ދެވަނަ ހާފުގައި، މިއަދުގެ މެޗުގައި ޝިފާން ކާމިޔާބުކުރި ދެވަނަ ލަނޑާއެކު މެޗުުގެ 51 ވަނަ މިނެޓުގައި ކުޅުދުއްފުށި ޓީމުން 4 ވަނަ ލަނޑު ޖަހާފައިވެއެވެ. އަދި ބަކީ ދެ ލަނޑު ނެއްލައިދޫ ޓީމުން ކާމިޔާބުކުރީ، މި މެޗުގެ 56 ވަނަ މިނެޓުގައި އިސްމާއީލް ވަހީދު ޖެހި ލަނޑަކާއި، ލިބުނު ޕެނަލްޓީ އަކާއެކު މެޗުގެ 86 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން މުޙައްމަދު ނިޝާހު ޖެހި ލަނޑުންނެވެ.

މި މުބާރާތް ފެށުމުގެ ގޮތުން މިއަދުގެ މެޗު ޝަރަފްވެރިކޮށްދެއްވާފައިވަނީ، ރައީސް އޮފީހުގެ މިނިސްޓަރ އަބްދުالله ނާސިރު އެވެ. އަދި އަރިހުގައި އެފްއޭއެމްގެ ރައީސް އަޙުމަދު ތޯރިޤު އާއި އެ އެސޯސިއޭޝަންގެ ސީނިއަރ ވައިސް ޕްރެސިޑެންޓް، އަލީ އިބްރާހީމް އަދި ވައިސް ޕްރެސިޑެންޓް މުޖުތަބާ ޖަލީލް އާއި، ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފްގެ އިތުރުން ސިޓީގެ މަޖިލިސް ދެ މެންބަރުންނާއި، ބީއެމްއެލް ޑައިރެކްޓަރ އޮފް ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން ޙަސަން ޝާމް ބައިވެރިވެވަޑައިގެންފައިވެއެވެ.

މި މުބާރާތަކީ ރާއްޖޭގެ އަތޮޅުތަކުގެ ފުޓްބޯޅަ ކުރިއެރުވުމަށާއި، ރަށްރަށުގެ ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުމަށް އެފްއޭއެމްއިން ކުރިއަށް ގެންދާ މުހިންމު މުބާރާތެކެވެ.

މިގޮތުން ރާއްޖޭގެ އަތޮޅުތެރޭގެ ތިން ސަރަހައްދެއް ޒޯންތަކަށް ބަހާލައިގެން މި މުބާރާތް ކުރިއަށްގެންދާއިރު، މުޅި ޖުމްލަ 47 ޓީމެއް ބައިވެރިވެފައިވެއެވެ. މި މުބާރާތުގައި އުތުރު ރީޖަން ޒޯން އިން ހދ އަތޮޅުން 4 ރަށަކުން ބައިވެރިވެފައިވާއިރު، ހއ. އަތޮޅުން ބައިވެރިވެފައިވަނީ 2 ރަށެވެ.