ހދ. ވައިކަރަދޫގައި ސްކޭޓް ޕާކެއް ތަރައްގީ ކުރުމަށާއި، އެއަތޮޅު މުރައިދޫ އާއި ހއ. ކުމުންދޫ އަދި ފީވަކު ބޯޅަދަނޑު ތަރައްގީކުން ހިމެނޭހެން 8 ރަށެއްގެ 8 މަޝްރޫޢުއެއްގެ މަސައްކަތް ހަވާލުކޮށްފިއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މި މަޝްރޫޢުތައް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
މި މަޝްރޫޢޫގެ ދަށުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ހއ. މުރައިދޫ، ހދ. ކުމުންދޫ އަދި ށ. ފީވަކުގައއި ފުޓްބޯޅަދަނޑެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހދ. ވަކަރަދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ ސްކޭޓްޕާކެކެވެ.
މިގޮތުން މި މަޝްރޫޢުތައް ހަވާލުކުރުމުގެ އެއްބަސްވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަސްލަމް ރަހާ އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ އަޙްމަދު ޝަރީފް އަބްދުއްރަޙްމާން ޔޫސުފް އެވެ.
މި ތިން ރަށުގެ އިތުރުން، މި އެއްބަސްވުމުގައި، ރ. މާކުރަތުގައި ފުޓްސަލްދަނޑަކާއި، ލ. ކުނަހަންދޫގައި އައުޓްޑޯ ވޮލީކޯޓެއްގެ އިތުރުން ގއ. ދެއްވަދޫ އަދި ކ. ހުރާގައި ފުޓްބޯޅަދަނޑެއް ޤާއިމްކުރުމުގެ މަސައްކަތް އެ ކުންފުންޏާއި ވަނީ ހަވާލުކޮށްފައެވެ.
އެމްޓީސީސީން ދަނީ ވޭތުވެދިޔަ 44 އަހަރުންސުރެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމަމުންނެވެ.
މިގޮތުން ރާއްޖޭގެ އުމްރާނީ ތަރައްޤީއަށާއި، އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމަށް އެ ކުންފުނިން ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!