ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތެރެއިން ބޭންކެއްގެ މުވައްޒަފުން އަތުން ފައިސާ ހުރި ސޫޓްކޭހެއް ފޭރިގަތް މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުންގެ ވަނަވަރު ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އާންމުކޮށްފިއެވެ.

ފޭރުމުގެ މި ހާދިސާ ހިންގާފައިވަނީ 27 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ ފަތިހު ވީއައިއޭ ޓާމިނަލް ޓާމިނަލް 1 އަށް ދާ ވޯކްވޭގައެވެ.

Ad
rt

ފުލުހުން މިއަދު ބުނިގޮތުގައި މި ފޭރުމުގައި ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ ލޯންޗެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ހަތަރު މީހުންނަކީ:

ލ.މާވަށް، ރޭޝަމް / މާޒިން މޫސާ (25އ)
މާލެ، މ. ކޯރަސް / އަޙްމަދު ރައިހާން ނަޢީމް (20އ)
ކ.ގުރައިދޫ، އަޅިވިލާގެ / އިބްރާހީމް އަނޫފް (24އ)
ކ.ގުރައިދޫ، އަޅިވިލާގެ / ޙުސައިން ޝަހުދު (30އ)

މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 5 ދުވަހަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

މިކަމާ ގުޅޭ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 27 އޮކްޓޯބަރު ރޭ ފަތިހު 4:45 ގައެވެ. ފުލުހުން ބުނިގޮތުގައި ފޭރިގެންފައި ވަނީ ވީއައިއޭގެ ޓާމިނަލް 1 އަށް ވަންނަން ދިޔަ ބެންކެއްގެ ދެ މުވައްޒަފެއްގެ އަތުގައި އޮތް ސޫޓް ކޭހެކެވެ. އެނގިފައިވާގޮތުގައި އެއީ ބީއެމްއެލްގެ ދެ މުވައްޒަފެކެވެ. މި ސޫޓް ކޭސް ފޭރިގެންފައި ވަނީ މޫނު ނިވާކޮށްގެން ތިބި ބަޔެކެވެ.

ފުލުހުން ކަށަވަރުކޮށް ނުދިންނަމަވެސް މައުލޫމާތު ލިބިފައިވާގޮތުގައި މި މީހުން ހައްޔަރުކުރީ ކ. ހުރާގައި ތިއްބައެވެ. އަދި ލޯންޗް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކ. ހުރާއިންނެވެ.