ކާށިދޫ ފަޅުތެރޭގައި ރިސޯޓެއް ތަރައްޤީކުރުމުގެ މަޝްރޫޢާއެކު އެރަށަށް ސީ ޕްލޭންގެ ޝިޑިއުލް ދަތުރުތައް ފަށާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، މިއަދު ކާށިދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

އެރަށުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ކާށިދޫގެ ދުރުމިން ހުރި ގޮތުން އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުން ވަރަށް މުހިންމުކަމުގައި ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ކުރިން މި މަޝްރޫޢަށް އިންވެސްޓަރަކު ނުލިބުނު ނަމަވެސް، މިފަހަރު ބޮޑެތި ލުއިތަކާއެކު އިންވެސްޓަރުން ހޯދުމަށް އަލުން ހުޅުވާލާފައިވާނެއެވެ.

މި ރިސޯޓާއެކު ރަށަށް ދަތުރުފަތުރުގެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދެވޭނެކަމަށާއި، ކައުންސިލުން ހިންގާ ރަށު ފަތުރުވެރިކަމަށްވެސް އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. މި މަޝްރޫޢުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތަކާއި އާމްދަނީ އިތުރުވެ، ރަށުން ބޭރުގައި ދިރިއުޅޭ މީހުންނަށް ރަށަށް ބަދަލުވުމަށް ޝައުޤުވެރިވާނެކަމަށް ބެލެވޭކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އާރްޓީއެލް ފެރީގެ ޚިދުމަތްވެސް ކާށިދޫއަށް ފެށުމަށް ތައްޔާރުވަމުންދާކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ސިއްޙީ ދާއިރާއިން ކާށިދޫއަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދެއްވާނެކަމަށް ވިދާޅުވެ، ސިއްޙީ މަރުކަޒު ފުޅާކޮށް، އެކްސްރޭ، ސްކޭން އަދި ފިޒިއޯ ތެރަޕީގެ ޚިދުމަތް ފަށާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ކާށިދޫގެ ބަނދަރުގެ މަސައްކަތް ހިމަނާނެކަމަށްވެސް ރައީސް މުޢިއްޒު ވަނީ ރައްޔިތުންނަށް ޔަގީންކަން ދެއްވާފައެވެ. އަދި ދަނޑުވެރިކަން ކުރިއެރުވުމަށް ބިން ހަމަޖައްސާ، ދިވެހި އުފެއްދުންތައް އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.