އަންނަ ނޮވެމްބަރު 1 އިން ފެށިގެން ސިވިލް ސަރވިސް މުވައްޒަފުންގެ ޕޭ ހާމަނައިޒްކޮށް މުސާރަ ބޮޑުކުރާއިރު، ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންވެސް ސިވިލް ސަރވިސް މުވައްޒަފުންނާ އެއް ގިންތިއަކަށް ގިންތިކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ފާދިއްޕޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އޮޅުވެލިފުށީގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.

Ad
rt

ރައީސް ވިދާޅުވީ، ކުރިން ކަނޑައަޅާފައި އޮތްގޮތަށް، ނޮވެމްބަރު 1 ގައި ސިވިލް ސަރވިސް އަދި ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރަ ބޮޑުވުމާއެކު ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަވެސް ބޮޑުވާނެ ކަމަށެވެ.

"ކައުންސިލްތަކަކީ މިހާތަނަށް އައިއިރުގައި ވަރަށް ދަށް ގްރޭޑެއްގައި ގިންތިކޮށްފައި އޮންނަ އިދާރާތަކެއް. އެ ތަންތާނގައި މަސައްކަތްކުރާ މުވައްޒަފުން ތިބީ 4 ވަނަ ގްރޭޑުގައި. އެހެންނަމަވެސް، ރެޔާއި ދުވާލު މަސައްކަތް ކުރަންޖެހޭ ބައެއް ކައުންސިލްގެ އިދާރީ މުވައްޒަފުންނަކީ،" ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދެއްވާ، އެކަމަށް އެއްބާރުލުން ދެއްވައި، އެމްޕަވަރ ކުރާ ނިޒާމެއް ކަމަށާއި، އެހެންކަމުން ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ ގްރޭޑް 4 ވަނައިން 3 ވަނައަށް ގެންދިޔުމަށް ކުރީގެ ސަރުކާރުގެ ޒަމާނުގައި ވާހަކަ ދެކެވިފައި އޮތް ނަމަވެސް، މިސަރުކާރުން ނިންމާފައިވަނީ މާ މަތީ ދަރަޖައަކަށް އެ މުވައްޒަފުންގެ ގިންތި ބަދަލުކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ނިންމާފައި މިހާރު މިއޮތީ، ނޮވެންބަރު 1ން ފެށިގެން، ސިވިލް ސަރވިސް މުވައްޒަފުންގެ ޕޭ ހާމަނައިޒް ކުރެވި، މުސާރަ ބޮޑުވާއިރު، ކައުންސިލް މުވައްޒަފުންގެވެސް ޕޭ ހާމަނައިޒް ވާއިރުގައި، ރާއްޖޭގެ ހުރިހާ ސިވިލް ސަރވިސް މުވައްޒަފުންނާ އެއް ގިންތިއަކަށް، 4 ން 3 އަށް ނޫން، 4 ން 1 އަށް، އެއް ގިންތިއަކަށް، ސިވިލް ސަރވިސް މުވައްޒަފުންނާ އެއްގިންތިއަކަށް ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންވެސް ގިންތިކުރަން. މަތިކޮށްލަދޭން،" ރައީސް ވިދާޅުވިއެވެ.

މިގޮތުން ނޮވެމްބަރު މަހުގެ މުސާރަ ލިބޭއިރު، ކައުންސިލްތަކުގައި މަސައްކަތްކުރާ އިދާރީ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. ޖުޑީޝަރީއާއި ސިވިލް ސަރވިސްގެ އިތުރުން ސިވިލް ސަރވިސްގެ ތެރެއިން ކައުންސިލް މުވައްޒަފުންގެ މުސާރަ މިހެން ބޮޑުވާއިރު، ބާކީ ހުރި ދައުލަތުގެ މިނިވަން މުއައްސަސާތަކާއި ބައެއް ސްޓެޓިއުޓަރީ ބޮޑީސްތަކުގެ ޕޭ އަންނަ އަހަރު ހާމަނައިޒް ކުރެވޭނެކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. ސަރުކާރުން މިކަންކަން ތަރުތީބުކޮށްގެން ގެންދަނީ އެގޮތަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.