4 ވަނަ ދެކުނު އޭޝިއަން ސީނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕު 2025 ގައި ވާދަކުރި ރާއްޖޭގެ ޤައުމީ އަންހެން ރިލޭ ޓީމު ލޯ މެޑަލް ހޯދައިފިއެވެ.
އިންޑިއާގެ ރަންޗީގެ ބިރްސާ މުންޑާ އެތުލެޓިކްސް ސްޓޭޑިއަމްގައި މިހާރު ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭ ޓީމު ލޯ މެޑަލް ހާސިލްކޮށްފައިވަނީ 4 ގުނަ 100 މީޓަރު ރިލޭ އިން، ނޭޕާލް، ބަންގްލަދޭޝް، އިންޑިއާ އަދި ލަންކާ އާއި ވާދަކޮށްގެންނެވެ.
މި ރިލޭގައި 44.70 ސިކުންތުން ރޭސް ނިންމައި، ރަން މެޑަލް ހާސިލްކޮށްފައިވަނީ ލަންކާއިންނެވެ. އަދި 44.93 ސިކުންތުން ރޭސް ނިންމައި ރިހި މެޑަލް ހާސިލްކޮށްފައިވަނީ އިންޑިއާއިންނެވެ.
ރާއްޖެ ދުވުންތެރިން 47.79 ސިކުންތުގެ ތެރޭގައި މި ރޭސް ނިންމާފައިވާއިރު، އެ ޓީމުގައި އުތުރުގެ ހިތް ކަމަށްވާ ކުޅުދުއްފުށި ސިޓީއަށް ނިސްބަތްވާ ދުވުންތެރިއެއް ކަމަށްވާ އަހުނާ ނިޒާރު ހިމެނެއެވެ. އަދި އަހުނާ ގެ އިތުރުން ޓީމުގައި ހިމެނޭ ދުވުންތެރިންނަކީ، އައިޝަތު ޝަބާ ސަލީމް، ހައްވާ މުޒްނާ ފާއިޒު އަދި ޒިވާ މޫސާ ޝަފީއު އެވެ.
މީގެ އިތުރުން މި މުބާރާތުގައި އަހުނާ އާއެކު ރާއްޖޭން ވާދަކުރާ ސްކޯޑުގައި ކުޅުދުއްފުށީގެ ދުވުންތެރިއެއްކަމަށްވާ ހުސައިން ރިޒާ ވެސް ހިމެނެއެވެ.
ރާއްޖޭގެ ޤައުމީ އަންހެން ރިލޭ ޓީމުގައި ހިމެނޭ ކުޅުންތެރިން ތެރެއިން ކުޅުދުއްފުށި ސިޓީއަށް ނިސްބަތްވާ ދުވުންތެރިއެއް ކަމަށްވާ އަހުނާ ނިޒާރު ވަނީ ގައުމީ ފެންވަރުގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!