އިޤްތިޞާދީ އަދި މާލީ ދާއިރާއަށް ޚާއްޞަ ދިރާސާތަކަށް ގްރާންޓް ދިނުމަށް ކަނޑައަޅައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރިސާޗް ފަންޑުގެ ދަށުން ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޖުމްލަ 1 މިލިއަން ރުފިޔާގެ މި ފަންޑުގެ މައިގަނޑު މަޤްޞަދަކީ ރާއްޖެއަށް ދިމާވާ އިޤްތިޞާދީ، މާލީ އަދި ތަރައްޤީގެ މައްސަލަތައް ތަޙްލީލީ ނަޒަރަކުން ދެނެގަނެ، އެ މައްސަލަތަކަށް އިޖާދީ ޙައްލުތައް ހޯދުމަށް މަގުފަހިކުރުމެވެ. މި ފަންޑުގެ ދަށުން އިންޑިޕެންޑެންޓް ރިސާޗް ގްރާންޓާއި، ކޮލަބޮރޭޓިވް ރިސާޗް ގްރާންޓް އަދި ފޮތް ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

Ad
rt

އިންޑިޕެންޑެންޓް ރިސާޗް ގްރާންޓަށް ކުރިމަތިލެވޭނީ މާސްޓަރސް ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް އޮންނަ ފަރާތްތަކަށެވެ. އަދި ކޮލަބްރޭޓިވް ރިސާޗް ގްރާންޓަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ އެމްއެމްއޭގެ މުވައްޒަފުންނާ ގުޅިގެން ހުށަހަޅާ އަދި އެމްއެމްއޭގެ ސްޓްރެޓީޖިކް ލަނޑުދަނޑިތައް ހާސިލްކުރުމަށް އެހީވެދޭނެ ހުށަހެޅުންތަކަކަށް ވާންޖެހެއެވެ.

ދިރާސާ ޕްރޮޕޯސަލްތައް ހުށަހެޅުމަށް ހުޅުވާލެވިފައިވާ ދާއިރާތަކުގެ ތެރޭގައި މެކްރޯ އިކޮނޮމިކް ސްޓެބިލިޓީ، ފައިސާގެ ސިޔާސަތު، މާލީ ދާއިރާގެ ދެމެހެއްޓެނިވިކަން، މޫސުމާއި ދެމެހެއްޓެނިވި ތަރައްޤީ، ޑިޖިޓަލް ފައިނޭންސް އަދި އިންކްލޫޝަން، އިސްލާމިކް ފައިނޭންސް، އަދި ތަޢުލީމީ ދާއިރާއާއި ވަޒީފާގެ ބާޒާރު ހިމެނެއެވެ.

ގްރާންޓުގެ ދަށުން ހޮވޭ ފަރާތްތަކަށް ދިރާސާއާ ގުޅުންހުރި ޚަރަދުތަކަށް މާލީ އެހީތެރިކަން ލިބޭނެއެވެ. މީގެ އިތުރުން، ދިރާސާ މަސައްކަތް ޕިއަރ ރިވިއު ކުރެވި، އެމްއެމްއޭގެ މުވައްޒަފުންނާއެކު ދިރާސާ ޝާއިޢުކުރުމާއި، އެމްއެމްއޭ ރިސާޗް ކޮންފަރެންސް ފަދަ ތަންތަނުގައި ދިރާސާ ހުށަހެޅުމުގެ ފުރުޞަތުތައްވެސް ލިބިގެންދާނެއެވެ.

މި ގްރާންޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ އީމެއިލްގެ ޒަރީއާއިންresearch@mma.gov.mv އަށެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 30 އޮކްޓޯބަރު 2025 ގެ ނިޔަލަށެވެ. ޕްރޮޕޯސަލްތައް ރިވިއުކުރާނީ އެމްއެމްއޭގެ އެކަޑަމިކް އެންޑް ޓެކްނިކަލް ރިވިއު ކޮމިޓީންނެވެ. އެ ކޮމިޓީއިން ބަލާނީ ތީމްތަކާއި ދިވެހިރާއްޖޭގެ އިޤްތިސާދާ ގުޅުންހުރި މިންވަރާއި ބިނާކުރަނިވި ހިޔާލެއްކަމުގައިވުމާއި، ދިރާސާކުރުމަށް ބޭނުންންކުރާ އުސޫލުގެ ހަރުދަނާކަމާއި، ދިރާސާކުރާ ފަރާތުގެ ނުވަތަ ޓީމްގެ ޤާބިލުކަން އަދި އެ ދިރާސާއަކުން ސިޔާސަތުތަކަށް އަސަރުކުރާނެ މިންވަރަށެވެ. އެޕްލިކޭޝަންތައް ހުށަހަޅާފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތްތައް ކަނޑައަޅާ 9 ނޮވެމްބަރު 2025 ގެ ކުރިން އެފަރާތްތަކަށް އަންގާނެއެވެ.