މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ތިން މެމްބަރުންގެ މަގާމަށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކޮށް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ތިން ނަމެއް ފާސްކޮށްފިއެވެ.

ކޮމިޓީން ފާސްކުރި ރިޕޯޓުގައިވާ ގޮތުން، އިންޓަވިއު މަރުހަލާގައި 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިފައިވަނީ ތިން ބޭފުޅުންނަށެވެ. އެގޮތުން އެންމެ މަތިން މާކްސް ލިބިފައިވަނީ މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ސިވިލް ސަރވިސް ކޮމިޝަންގެ ކުރީގެ މެމްބަރު މުހައްމަދު ފަރުޝަތަށެވެ. އޭނާ އަށް ލިބިފައިވަނީ 90.50 ޕަސެންޓެވެ.

Ad
rt

ދެވަނައަށް އެންމެ މަތިން މާކްސް ލިބިފައިވަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސޮފާ ޝަފީގަށެވެ. އޭނާ އަށް 88.88 ޕަސެންޓް ލިބިފަވެއެވެ. އަދި ތިންވަނައަށް އެންމެ މަތިން މާކްސް ލިބިފައިވަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެމްބަރު އާމިނަތު ސަރާހަތު އިއްޒަތަށެވެ. އޭނާ އަށް 87.88 ޕަސެންޓް ލިބިފައިވެއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި ތިން ނަން ފާސްކުރުމާއެކު، އެ ކޮމިޝަނަށް މި ބޭފުޅުން ޢައްޔަނު ކުރަން ފެނޭތޯ ބެލުމަށް ދެން ހުށަހެޅޭނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށެވެ.

މީޑިއާ ކޮމިޝަނުގެ މެންބަރުކަމަށް މީޑިއާތަކުން އިންތިޚާބުވެފައިވާ ބޭފުޅުން ހަމަޖައްސައިފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް މީޑިއާތަކުން އިންތިޚާބުކޮށްފައިވާ 4 މެންބަރުން 13 އޮކްޓޯބަރު 2025 ގައި ވަނީ މަގާމަށް ހަމަޖައްސާފައެވެ. މިގޮތުން ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ށ.ފޭދޫ މޫނިމާގެ، ޢަބްދުލްޢަޒީޒް އިބްރާހީމާއި ގދ.ތިނަދޫ، މަލަ، ޒަމްޢަތު އަޙްމަދު ވަޙީދު އެވެ. އަދި އެހެނިހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ގދ. ރަތަފަންދޫ، ވެލީގެ، ސިމާޙާ ނަސީމާއި މީޑިއާ ކައުންސިލްގެ އެންމެ ފަހުގެ ރައީސް ހދ. ވައިކަރަދޫ، ހިސާން، ޙުސައިން ޘަޤީފް އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އެކުލެވިގެންވަނީ ޖުމްލަ 7 މެންބަރުންގެ މައްޗަށެވެ. މީގެ ތެރެއިން 3 މެންބަރުން އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުން ކަމަށްވާއިރު، 4 މެންބަރުން އިންތިޚާބުކުރަނީ މީޑިއާތަކުންނެވެ.

18 ސެޕްޓެމްބަރު 2025 ގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ގާނޫނުގެ ދަށުން އުފައްދަންޖެހޭ، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އޮފީސް" އުފައްދަވާފައެވެ. މި ގާނޫނަށް ޢަމަލުކުރަން ފަށާފައި ވެސް ވަނީ އެދުވަހުއެވެ.