މިދިޔަ ބުރާސްފަތި ދުވަހު އަޑިއަށް ދިޔަ ނަސްރު ބޯޓުން ސަލާމަތް ކުރެވުނު ބައެއް ތަކެތި ހދ. ނޭކުރެންދޫ އަށް ގެންގޮސްފި އެވެ.
ނޭކުރެންދޫ ކައުންސިލުން މިއަދު ބުނެފައިވަނީ، އެރަށާއި ހދ. ކުމުންދޫ، ހދ، ކުރިނބީ އަދި ހދ. ވައިކަރަދޫ ރައްޔިތުންގެ ތަކެތި އެރަށަށް ގެންގޮސްފައިވާ ކަމަށެވެ.
2.5 ނުވަތަ 3 މިލިޔަން ރުފިޔާގެ އަގު ހުރި މުދަލާއި އެކު އެ ބޯޓު އަޑިއަށް ދިޔައީ ކ. ކާށިދޫ އާއި ޅ. އަތޮޅާ ދެމެދުގެ ސަރަހައްދުގައި، ޅ. އަލިގާގެ ދެކުނުން 3.3 ނޯޓިކަލް މޭލު ދުރުގައެވެ.
ސަލާމަތް ކުރެވުނީ ނިސްބަތުން މަދު އަދަދެއްގެ މުދާކަމުގައި މަޢުލޫމާތު ލިބިފައިވެެއެވެ. އޭގެތެރޭގައި ބައިސްކަލާއި ލަކުދި ފިލާފަދަ ސާމާނާއި ގޭސްފުޅި އާއި ހަން ފަދަ ސާމާނު ހިމެނެއެވެ. މި މަސައްކަތުގައި މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީގު ދެއްވި މާލީ އެހީތެރިކަމަށް ނޭކުރެންދޫ ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.

މި ހާދިސާގައި ބޯޓުގައި ތިބި ފަސް މީހުން (ދެ ދިވެހިންނާއި ތިން ބިދޭސީން) ސިފައިންގެ އެހީތެރިކަމާއެކު ސަލާމަތްކުރެވުނު ނަމަވެސް، ބޯޓުގައި އެކި ރަށްރަށުގެ ވިޔަފާރިވެރިންނާއި އާންމު ރައްޔިތުން އެރުވި ގިނަ އަދަދެއްގެ މުދާ ވަނީ ގެއްލިފައެވެ.
މި ހާދިސާގައި ލިބުނު ގެއްލުމުގެ ތެރޭގައި އަގު ބޮޑު 6 ސައިކަލާއި، ކާޑު، ގޭސް އަދި އެހެނިހެން ވިޔަފާރި މުދާ ހިމެނެއެވެ. ސައިކަލުތަކުގެ އަގު އެކަނި 800,000 ރުފިޔާއަށްވުރެ މަތިވާނެ ކަމަށް މަޢުލޫމާތު ލިބެއެވެ. ހަމައެކަނި ކުރިނބީގެ އެއް ފަރާތަކަށް 260,000 ރުފިޔާގެ ގެއްލުން ވެފައިވާއިރު، އެރަށުގެ ފިހާރަތަކަށް ޖުމްލަ 400,000 އިން 700,000 ރުފިޔާއާ ދެމެދުގެ ގެއްލުމެއް ވެފައިވާ ކަމަށް ލަފާކުރެވެއެވެ.

ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަދި ކުރިނބީ ކައުންސިލްގެ ރައީސް އަބްދުﷲ އަސްލަމް ވިދާޅުވި ގޮތުގައި މިއީ ބޯޓުގެ ވެރިފަރާތަށާއި، ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންނަށް ލިބުނު ނުހަނު ބޮޑު ގެއްލުމެކެވެ. އަދި މާލީ ގެއްލުމުގެ އިތުރުން ނަފްސާނީ ގެއްލުންވެސް ލިބިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބޯޓު އަޑިއަށް ދިއުމުގެ ކުރިން ދަތުރު ރޭވިފައިވަނީ ފުރަތަމަ ޅ. ނައިފަރާއި ނ. ފޮއްދޫއަށް ގޮސް، އޭގެފަހުން ހދ. ކުމުންދޫ، ހދ. ނޭކުރެންދޫ، ހދ. ވައިކަރަދޫ އަދި ހދ. ކުރިނބީއަށް ދިއުމަށެވެ. މި ހާދިސާއާ ގުޅިގެން ބައެއް ފަޅުވެރިންނަށް ނައިފަރު ހޮސްޕިޓަލުގައި ފަރުވާ ދީފައިވާކަން ފާހަގަކުރެވެއެވެ.
މިހާދިސާގައި ގެއްލުން ލިބުނު މީހުންނަށް ބަދަލު ދިނުމުގެ މަސައްކަތް ކުރާތީ، ގެއްލުން ލިބުނު މީހުން އެކަމާ ގުޅޭ މައުލޫމާތު އެއްކުރުމަށް ކައުންސިލްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ކުމުންދޫ ކައުންސިލުން މިއަދު ގެޒެޓްގައި ޝާއިޢުކުރި އިޢުލާނުގައި ބަޔާންކޮށްފައިވަނީ، މި ހާދިސާއާ ގުޅިގެން ކުމުންދޫގެ ވިޔަފާރިވެރިންނާއި ރައްޔިތުންނަށް ލިބުނު މާލީ ގެއްލުން ދެނެގަތުމަށްޓަކައި އޮންލައިން ފޯމެއް މެދުވެރިކޮށް މަޢުލޫމާތު ހޯދަން ބޭނުންވާ ކަމަށެވެ. މި ފޯމުގައި، ގެއްލުން ލިބުނު ފަރާތްތަކުގެ އަމިއްލަ މަޢުލޫމާތުގެ އިތުރުން، ބޯޓުގައި ހުރި މުދަލުގެ ތަފްސީލާއި އަގު ހިމެނުމަށް ވަނީ އެދިފައެވެ.
ކައުންސިލުން ހާމަކުރި ގޮތުގައި، މި މަޢުލޫމާތު އެއްކުރެވެނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާ ހިއްސާކުރުމަށް ތައްޔާރުކުރާ ރިޕޯޓަކަށެވެ. އަދި ގެއްލުމުގެ ބަދަލު ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެންޑީއެމްއޭގެ ފަރާތުން ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ. މި މަޢުލޫމާތު ހުށަހެޅުމަށް ހޯމަ ދުވަހުގެ ނިޔަލަށް މުއްދަތު ދީފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ނޭކުރެންދޫ ކައުންސިލުން ބުނެފައިވަނީ، ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކާޑާއި ޒަރޫރީ ތަކެތި ހުސްވިޔަ ނުދިނުމަށް ވިޔަފާރިވެރިންނާ ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ބޯޓުގެ ވެރިފަރާތަށާއި ވިޔަފާރިވެރިންނަށް ލިބުނު ގެއްލުމުގައި ކައުންސިލުން ބައިވެރިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ކައުންސިލުން އިތުރަށް ފާހަގަކޮށްފައިވަނީ، ބޯޓުގެ ވެރިފަރާތަށް ލިބުނު ހިތާމަވެރި ގެއްލުމުގައި ބައިވެރިވާ ކަމަށާއި، މި ދަތި ދަނޑިވަޅުގައި އެ ފަރާތަށް ކެތްތެރިކަން ދެއްވުން އެދޭ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!