ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ އަމާން އުދަރެސްގެ ޓަވަރުތަކަށް ކަރަންޓުގެ ހިދުމަތް ދޭން ފަށައިފި އެވެ.
އެފްޑީސީން އިމާރާތްކޮށްފައިވާ އަމާން އުދަރެސް އަދި އަމާން ދޯދި ފްލެޓްތަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ ރަސްމީ މަސައްކަތްތައް ފެށުމުގެ ގޮތުން، އަމާން އުދަރެސްގެ 11، 12 އަދި 13 ވަނަ ޓަވަރަށް މިއަދު ވަނީ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީފަ އެވެ. މިއީ މި ދެ ޕްރޮޖެކްޓްގެ ފްލެޓްތަކަށް ކަރަންޓުގެ ހިދުމަތް ދިނުމުގެ މަސައްކަތް ފެށިގެން ދިޔަ މުހިންމު ފިޔަވަޅެކެވެ.
މި ރަސްމިއްޔާތުގައި ސަރުކާރުގެ މުހިންމު ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ. އެގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހް ރަޝީދު އާއި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލްގެ އިތުރުން އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބަހް އަލީ ނަސީރު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
އަމާން އުދަރެސް އަދި އަމާން ދޯދި ޕްރޮޖެކްޓަކީ ހުޅުމާލޭގައި ގިނަ އަދަދެއްގެ ބަޔަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިކޮށްދޭ ދެ ބިޔަ މަޝްރޫޢު އެކެވެ. އަމާން އުދަރެސްގައި 2،000 ހައުސިން ޔުނިޓް ހިމެނޭއިރު، އަމާން ދޯދީގައި ވެސް 2،000 ހައުސިން ޔުނިޓް ހިމެނެ އެވެ. މިގޮތުން ޖުމްލަ 4000 އާއިލާއަކަށް ދިރިއުޅުމުގެ ހައްލެއް ލިބިގެންދާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!