ހުޅުމާލެ ފޭސް 3 ގައި ބިދޭސީން ދިރިއުޅޭ ސައިޓެއްގެ ތެރެއިން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ޑޮލަރުތަކަކާއި އެހެނިހެން ތަކެތި ފުލުހުން ހޯދައި، ޤާނޫނީ އިޖުރާއަތްތަކުގެ ދަށުން ވެރިފަރާތަށް ހަވާލުކޮށްފިއެވެ. މި ތަކެތީގެ ތެރޭގައި 20،000 އެމެރިކާ ޑޮލަރު ހިމެނޭކަމަށް ފުލުހުން ހާމަކުރެއެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރެވުނީ އޮކްޓޫބަރު 24 ވަނަ ދުވަހުގެ ރޭ ދަންވަރު 2:40 އެހައިކަންހާއިރުއެވެ. އެ ވަގުތު، ހުޅުމާލެ ފޭސް 2 ގައި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް ވަނީ ބިދޭސީން ދިރިއުޅޭ ސައިޓަކުން ވައްކަންކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައެވެ. މި މައުލޫމާތާ ގުޅިގެން ފުލުހުން ވަގުތުން އެ ސައިޓަށް ގޮސް ބެލިއިރު، އެތަނުން ދަބަހަކާއި 20،000 ޑޮލަރުގެ އިތުރުން އެހެނިހެން ވޮލެޓުތައް ވެސް ވަގަށް ނަގާފައިވާކަން އެނގިފައިވެއެވެ. އޭގެ ފަހުން ފުލުހުން ވަނީ ވަގަށް ނެގި ތަކެތި ހޯދުމަށްޓަކާ އެ ސަރަހައްދު ބަލައި ފާސްކުރަން ފަށާފައެވެ.
ފުލުހުން އެ ސަރަހައްދުގައި ހިންގި ހަރަކާތްތަކުގައި ވައްކަންކުރި މުދާތައް ވަނީ ފެނިފައެވެ. ފުލުހުން ހާމަކުރާ ގޮތުގައި، 20،000 ޑޮލަރާއި، ވަގަށް ނެގި ދަބަހާއި އަދި އެހެނިހެން ތަކެތި ފެނުނީ ސަރަހައްދުގެ ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓައެވެ. މި ތަކެތި ފެނުމާއެކު، ހެކިބަސް ނެގުމުގެ ޤާނޫނީ ހުރިހާ މަަރްޙަލާއެއް ފުރިހަމަކުރުމަށްފަހު، އެ ތަކެތި ވަނީ ވެރިފަރާތާ ހަވާލުކޮށްފައެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލައާ ގުޅިގެން މިހާތަނަށް ވަކި މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ. އެހެންނަމަވެސް، ވައްކަންކުރި މީހުން ހޯދުމަށްޓަކައި އެ ސަރަހައްދުގައިވާ ސީސީޓީވީ ފުޓޭޖްތަކުގެ އިތުރުން އެހެނިހެން ހެކިތަކާއި މައުލޫމާތުތައް ބޭނުންކޮށްގެން ތަޙްޤީޤު ކުރިއަށްގެންދާ ކަމަށް ފުލުހުން އިތުރަށް ހާމަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!