ށ. މިލަންދޫ އިސްލާމީ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ.
މިލަންދޫ އިސްލާމީ މަރުކަޒުގައި ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ށ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ ރަށަށް ޒިޔާރާތްކޮށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިންނެވެ.
މިގޮތުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ބިނާކުރާ މި އިސްލާމީ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ (ޑީސީޕީ ރިޓަޔަރޑް) އަޙްމަދު ސަޢުދީ އަދި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދުގެ އިތުރުން މިލަންދޫ ކައުންސިލްގެ ރައީސް އެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ދަޢުލަތުގެ ބައެއް ވަޒީރުން ވަނީ ބައިވެރިވެލައްވާފައެވެ.
ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ މި އިސްލާމީ މަރުކަޒުގެ މަސައްކަތް ނިމިގެންދާއިރު އެ މަރުކަޒުގައި ކޮންފަރެންސް ހޯލަކާއި، ލައިބްރަރީއަކާއި 4 ކުލާސްރޫމާއި، އިމާމު ރޫމަކާއި، އޮފީސް ބައެއްގެ އިތުރުން ހިނަވާގެއަކާއި މަރުކަޒުގައި ސޯލާ ހަރުކޮށް، އޭސީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިލަންދޫގައި އިސްލާމީ މަރުކަޒެއް ޤާއިމްކުރުމަކީ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!