ށ. ނަރުދޫ ފުލުހުންގެ މަރުކަޒާއި ކުނި މެނޭޖުކުރާ މަރުކަޒުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
މި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފަށާފައިވަނީ، ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނަރުދޫއަށް ޒިޔާރާތްކޮށް ބޭއްވި ޚާއްސަ ރަސްމިއްޔާތުތަކުގެ ތެރެއިންނެވެ.
އެގޮތުން ސަރުކާރުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އާއި ހަވާލުކޮށްގެން ނަރުދޫގައި ފުލުހުންގެ މަރުކަޒެއް ތަރައްޤީކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.
ސަރުކާރުގެ އަމާޒަކީ، މި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ޤާއިމުކުރުމެވެ.
މީގެ އިތުރުން ނަރުދޫގައި ޤާއިމްކުރާ ކުނި މެނޭޖްކުރާ މަރުކަޒުގެ އަމަލީ މަސައްކަތް ފެށުމަށް މި މަރުކަޒުގެ ބިންގާ މިއަދު ވަނީ އަޅާފައެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވަޒީރު ތާރިގް އިބްރާހީމާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙްއެވެ.
މި މަޝްރޫޢުގެ މަސައްކަތްވެސް ސަރުކާރުން ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަން އާއެވެ.
މި މަޝްރޫޢު ނަރުދޫގައި ތަރައްޤީވުމުން، ރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ސަރުކާރުގެ އަމާޒަކީ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރާނެ މަރުކަޒުތައް ޤާއިމްކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!