ވޯލްޑް ކަޕް ކޮލިފައިންގައި ލަނޑު ޖެހުމުގެ ރެކޯޑް ކްރިސްޓިއާނޯ ރޮނާލްޑޯ މުގުރާލައިފިއެވެ.

ރޭ ވޯލްޑް ކަޕް ކޮލިފައިންގައި ޕޯޗުގަލް ޕޯޗުގަލް އަމިއްލަ ދަނޑުގައި ނުކުތީ ހަންގޭރީއާއި ދެކޮޅަށެވެ. މި މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.

Ad
rt

މި މެޗުގައި ޕޯޗުގަލުން ޖެހި ދެ ގޯލު ވެސް ޖަހައިދިނީ އުމުރުން 40 އަހަރުގެ ރޮނާލްޑޯއެވެ. މި ލަޑުތަކާއިއެކު އޭނާވެފައި ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާއަށެވެ. ރޮނާލްޑޯ ކޮލިފައިންގައި މިހާތަނަށް 41 ގޯލު ޖަހާފައިވާއިރު، ކުރިން މި ރެކޯޑް އޮތް ގުއަޓެމާލާގެ ކުރީގެ ފޯވާޑް ކާލޯސް ރުއިޒް ޖެހި ގޯލުގެ އަދަދަކީ 39 އެވެ. މި ލިސްޓްގެ ތިންވަނާގައި އޮތީ 36 ގޯލު ޖެހި އާޖެންޓީނާގެ ކެޕްޓަން ލައިނަލް މެސީއެވެ.

ރޭ މެޗުގައި ހަންގޭރީއަށް ލަނޑުތައް ޖަހައިދިނީ ޒަލާއީއާއި ޒޮބޮސްލާއީއެވެ. މެޗުން ޕޯޗުގަލް މޮޅުވާން ދަނިކޮށް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ހަންގޭރީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޒޮބޮސްލާއީ ގޯލުންނެވެ.

ރޭ ޖެހި ގޯލުތަކާއިއެކު މިހާތަނަށް ރޮނާލްޑޯ ގައުމީ ޓީމަށް ޖެހި ގޯލުގެ އަދަދު ވަނީ 143 އަށް އަރާފައެވެ. މި ރެކޯޑް އޮތީ ވެސް އޭނާ އަތުގައެވެ. ހާސް ގޯލު ހަމަކުރުމުގެ އަމާޒުގައި ހުރި ރޮނާލްޑޯ މިހާތަނަށް ވަނީ 948 ގޯލު ޖަހާފައެވެ.

ޔޫރަޕް ކޮލިފައިންގެ ގްރޫޕް އެފްގައި ޕޯޗުގަލް އެއްވަނާގައި އޮތީ 4 މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި ހަންގޭރީ އޮތީ 4 މެޗުން 5 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނާގައި އަޔަލެންޑް އޮތްއިރު ގްރޫޕް ފުލުގައި އޮތީ އާމޭނިއާއެވެ.