ށ.ނަރުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށް، އެ ރަށު ޞިއްޙީ މަރުކަޒުގައި އައު އިމާރާތެއް ތަރައްޤީކުރުމުގެ މަޝްރޫޢު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުތައް ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ށ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ނަރުދޫ އަށް ޒިޔާރާތްކޮށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިންނެވެ.
އެގޮތުން ނަރުދޫ ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަޝްރޫޢު މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އިމާރަތްކުރުމާއި، ގެދޮރުވެރިކަމާ ބިނާރާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، ހަސަން ރަޝީދެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢުދީއެވެ.
މި މަޝްރޫޢުގެ ދަށުން ނަރުދޫ ގޮނޑުދޮށަށް، 30،540 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 565 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުން މި މަޝްރޫޢު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 20.05 މިލިޔަން ރުފިޔާއަށް 180 ދުވަސްތެރޭ ނިންމާގޮތަށެވެ.
މީގެ އިތުރުން ސަރުކާރުން ނަރުދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތް އެޅުމަށް އާރްޑީސީއާ ހަވާލުކުރީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަތުރުފުޅުގައި ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ފެންވަރު ރަނގަޅުކުރުމުގެ މަޤުސަދުގައެވެ.
މިގޮތުން މި މަޝްރޫޢު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ސިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، އަހުމަދު ޤާސިމްއެވެ. އަދި އާރުޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!