ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ބަގީޗާ އަދި ގަސް އިންދުމާއި ބެލެހެއްޓުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ މުވައްޒަފުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި އޮކްޓޯބަރ މަހު 3 އިން 12 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި 9 ދުވަހުގެ ޕްރޮގްރާމާއި ގުޅޭ ގޮތުން ސިޓީ ކައުންސިލުން ބުނެފައިވަނީ، މި ޕްރޮގްރާމުގައި، ބަގީޗާ ހެއްދުމާއި ބެލެހެއްޓުން، ގަހުގެ ނާރސަރީ ހިންގުމާއި ބެލެހެއްޓުން، ގަސްތަކަށް ޖެހޭ ބަލިތައް ދެނެގަތުމާއި، އަދި ގަސް އިންދުމާއި ހެއްދުމުގައި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންކަމަށް ވަނީ އަލި އަޅުވާލެވިފައިކަމަށެވެ.

Ad
rt

މީގެ އިތުރުން، ނާސަރީ ހިންގުމާއި ބެލެހެއްޓުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އިދާރީ މުވައްޒަފުންނަށް ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންދެވިފައިވާކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މި ސެޝަންތަކުގައި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމުގެ އުސޫލުތަކާއި، ކަމާގުޅޭ މަސައްކަތު އުސޫލުތައް (އެސް.އޯ.ޕީ) އެކުލަވާލުން، އަދި ސްޓޮކް ބެލެހެއްޓުން ފަދަ މުހިންމު ދާއިރާތަކަށް ހާއްސަ އަހައްމިއްޔަތުކަމެއް ވަނީ ދެވިފައެވެ.

މިގޮތުން މި ތަމްރީން ޕްރޮގްރާމް ނަންގަވައިދެއްވާފައިވަނީ މި ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ އަލްފާޟިލް ޙަސަން ޝުޢަބީ އެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ، މި ތަމްރީން ޕްރޮގްރާމު ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ކުރިއަށް ގެންގޮސްދެއްވާފައިވާތީ ޙަސަން ޝުއަބީގެ އަގު ވަޒަންކޮށް ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.