ށ. ފޭދޫގައި އަޅަން ފަށާފައިވާ ކްލާސްރޫމްތަކާއި މަލްޓިޕަރޕަސް ހޯލް މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ މަގު ހޯއްދަވައި އެ މަސައްކަތް ނިންމައިދޭނެކަމުގެ ޔަގީކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.
ރައީސް ށ. އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގައި މިއަދު ވަޑައިގަތް ފުރަތަމަ މަންޒިލަކީ އެ އަތޮޅު ފޭދޫއެވެ.
އެރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވި ގޮތުގައި، ސްކޫލު ތަރައްޤީ ކުރުމުގެ މަޝްރޫޢު މަޑުޖެހިފައި އޮންނަތާ 2 އަހަރެއްހާ ދުވަސްވެފައިވާއިރު، މިދިޔަ ދުވަސްތަކުގައި ސަރުކާރުން މަސައްކަތްކުރައްވާފައިވަނީ ހެދިފައިވާ އެއްބަސްވުމުގެ ތެރެއިން މަޝްރޫޢު ކުރިއަށް ގެންދެވޭނެ މަގެއް ހޯއްދެވުމަށެވެ. ނަމަވެސް އެ ދުވެލީގައި މަޝްރޫޢު ކުރިއަށް ދިއުމަކީ ޤަބޫލުފުޅުކުރައްވާ ގޮތް ނޫންކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"މިހާރު މި ކުރަމުންދާ ދަތުރުފުޅަށްފަހު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ބާރު ދުވެލީގައި މި މަސައްކަތް ފަށައި، ރަށުގައި ކުރަން ހުރި ހުރިހާ ކަންކަމުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދީގެން، ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި ކުލާސްރޫމްތައް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށް ގެންގޮސް، ހައްލެއް ހޯދައިދޭނަން،" ރައީސް ވިދާޅުވިއެވެ.
ދޫއަކީ ސްކޫލްގެ ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު ރަށެކެވެ. އެކަން ހައްލުކުރުމަށް އެރަށުގައި 8 ކުލާސް ރޫމް އާއި މަލްޓިޕާޕަސް ހޯލެއް އެޅުމުގެ މަސައްކަތް ފެށީ 2022 ވަނަ އަހަރުގެ ތެރޭ އެއިރު އޮތް އެމްޑީޕީގެ ސަރުކާރުގައެވެ. ނަމަވެސް އެތަނުގައި އަށެއްކަ ތަނބު ޖެހުމަށްފަހު، މާބޮޑު ކަމެއް ނުކުރެވި އޮތުމުން ފޭދޫ ކައުންސިލުން މީގެ ކުރީން ވަނީ އެކިފަހަރު މަތީން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ށ. ފޭދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލާއި 8 ކްލާސްރޫމްގެ މަސައްކަތް ހުއްޓިފައިވާތާ އަހަރެއްހާ ދުވަސްވެއްޖެއެވެ. ކުރީގެ ސަރުކާރުން ފެށި މި މަސައްކަތް، މިހާރުގެ ސަރުކާރުން ކޮންޓްރެކްޓަރަށް ދޭންޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން، ކޮންޓްރެކްޓަރަށް މަސައްކަތް ހުއްޓާލަން މަޖުބޫރުވެފައިވެއެވެ.… pic.twitter.com/aRqxAJelKt
— ᏒᏗᎥᏕᏗᎷ (@AhmedRaisam) September 6, 2025
ފޭދޫ ސްކޫލަކީ މިހާރު 7 ކިލާސް ރޫމް އެކުލެވޭ ސްކޫލެކެވެ. އެ ސްކޫލްގައި ގްރޭޑް 10 އަކާއި ހަމައަށް ކިޔަވައިދެމުން އަންނައިރު، ސްކޫލްގެ ޖާގައިގެ ދަތިކަމާހުރެ ދެ ދަންފަޅިއަށް ބަހައިގެން މެނޭޖް ނުކުރެވޭކަން ކައުންސިލުން ކުރިން ވެސް ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!