އަންނަ އަހަރު އެމެރިކާއާއި ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް އަލްޖީރިއާ ކޮލިފައިވެއްޖެއެވެ.

އަލްޖީރިއާ ވޯލްޑް ކަޕް ޖާގައެއް ކަށަވަރު ކޮށްފައި ވަނީ ރޭ 3-0 ގެ ނަތީޖާއިން ސޯމާލިއާ ބަލިކޮށްގެންނެވެ. މި މެޗަކީ ސޯމާލިއާގެ އަމިއްލަ ދަނޑުގައި ކުޅެން ޖެހޭ މެޗެއް ނަމަވެސް ފީފާގެ މިންގަނޑަށް ފެތޭ ދަނޑެއް ނެތުމާއި ގުޅިގެން މި މެޗު ކުޅެފައިވަނީ އަލްޖީރިއާގައެވެ.

Ad
rt

އެފްރިކާ ބައްރުގެ ކޮލިފައިންގައި އަލްޖީރިއާ އޮތީ ގްރޫޕް ޖީގައެވެ. ޕޮއިންޓް ތާވަލުގެ އެއްވަނާގައި އަލްޖީރިއާ އޮތީ ކުޅުނު 9 މެޗުން ލިބުނު 22 ޕޮއިންޓާއިއެކުއެވެ.

އަލްޖީރިއާ އެންމެ ފަހުން ވޯލްޑް ކަޕްގައި ކުޅެފައިވަނީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގައެވެ. އެ އަހަރު މުބާރާތުގެ ދެވަނަ ބުރުން އަލްޖީރިއާ ކަޓާފައި ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދު ޖަރުމަނު އަތުންނެވެ.

ރޭ މެޗުގައި އަލްޖީރިއާގެ ލަނޑުތައް ޖެހީ، މުހައްމަދު އަމައުރާ ދެ ގޯލާއި ރިޔާދު މާރޭޒް ގޯލެކެވެ. އަމައުރާ ޖެހި އެއް ގޯލަށް ފުރުސަތު ހޯދައިދިނީ މާރޭޒްއެވެ.

އަންނަ އަހަރުގެ ވޯލްޑް ކަޕަށް އެފްރިކާ ބައްރުން މިހާތަނަށް ކޮލިފައިވެފައިވާ ޓީމްތަކަކީ އަލްޖީރިއާ، މިސްރު، މޮރޮކޯ އަދި ޓިއުނީޝިއާއެވެ.