ކުޅުދުއްފުށި ސިޓީ އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔާސިރު އަބްދުއްލަޠީފް ހައްޔަރުން ދޫކޮށްލުމަށް ގޮވާލައި ކުޅުދުއްފުށި ސިޓީގައި އަޑުއުފުލުމަށް ނިންމައިފިއެވެ.
ޔާސިރު ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން އިސްނަގައިގެން ބޭއްވި އެއްވުމުގައި އިތުރު 7 މީހަކާއެކުއެވެ.
މިގޮތުން ޔާސިރު ހައްޔަރުކޮށްފައިވަނީ ނުހައްޤުން ކަމަށް ބުނެ، ޔާސިރު މިނިވަން ކުރުމަށް ގޮވާލައި ކުޅުދުއްފުށީ ސިޓީގެ އެމްޑީޕީ ސަޕޯޓަރުން އިސްވެ އަންނަނީ މައިދާނީ އެއްވުމެއް ބާއްވަން ތައްޔާރުވަމުންނެވެ.
"ޔާސިރުގެ ދިފާއުގަ ކުޅުދުއްފުށި" ނަމުގައި މި އެއްވުން ބާއްވަން ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭ 8:30 ގައި ކުޅުދުއްފުށީ ބަންޑާރަ މައިދާން ހޮޅުއަށި ކައިރީގައެވެ.
ކުޅުދުއްފުށީގައި ބާއްވާ މި އެއްވުމުގައި ބައިވެރިވުމުގެ ގޮތުން އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް މިހާރު ހުންނެވީ ކުޅުދުއްފުށީ ސިޓީގައެވެ.
އޮކްޓޯބަރ 3 ގެ އެއްވުމުގައި 8 މީހަކު ހައްޔަރުކޮށްފައިވާއިރު، ބަންދުގެ މުއްދަތު އިތުރުނުކޮށް އެކަކު ދޫކޮށްލައި، އަދި 24 ގަޑި އިރު ފަހުން އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު ހަސަން ޒަރީރު ވެސް ވަނީ ދޫކޮށްލާފައެވެ. އެހެންނަމަވެސް ޔާސިރު ހިމެނޭހެން ބާކީ ތިބި 6 މީހުންގެ ބަންދަށް 15 ދުވަސް ޖަހައި، އެމީހުން ވަނީ ދޫނިދޫ އަށް ބަދަލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!