އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް އިން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް އައިއިރު، ހާލަންޑްގެ ލަނޑުން މެންޗެސްޓާ ސިޓީ ހަނި ގޮތަކަށް މޮޅުވެއްޖެއެވެ.
ސިޓީއާއި ބްރެންޓް ފޯޑް ބައްދަލުކުރި މެޗު، ސިޓީން ކާމިޔާބުކުރީ 1-0 ހެ ނަތީޖާއިންނެވެ. ބްރެންޓްފޯޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ސިޓީއަށް ޖަހައިދިނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި އާލިން ހާލަންޑެވެ. ހުރިހާ މުބާރާތެއް ހިމެނޭހެން މި ސީޒަންގައި މިހާތަނަށް ހާލަންޑް ކުޅުނު 11 މެޗުގައި އޭނާ ވަނީ 18 ލަނޑުޖަހާފައެވެ.
މި ސީޒަންގައި ކްރިސްޓަލް ޕެލަސް އިން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ރޭ ނިމުމަކަށް އައީ ރަށުން ބޭރުގައި ކުޅުނު މެޗުގައި އެވަޓަން އަތުން 2-1 ގެ ނަތީޖާއިން ބަލިވުމުންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ޕެލަސް އިންނެވެ. މި ލަނޑު 37 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މުނޯޒްއެވެ.
ނަމަވެސް ދެވަނަ ހާފުގައި އެވަޓަން އިން ވަނީ ނަތީޖާ އަނބުރާލާފައެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު 76 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ އެންޑިއާއޭ އެވެ. އެ ޓީމް މޮޅުވީ މެޗުގެ އިތުރު ވަގުތުގައި ގްރީލީޝް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
ރޭ އަމިއްލަ ދަނޑުގައި ނިއުކާސަލް ވަނީ 2-0 ގެ ނަތީޖާއިން ނޮޓިންހަމް ފޮރެސްޓް އަތުން މޮޅުވެފައެވެ. ވުލްވްސްއާއި ބްރައިޓަން ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއިން އެއްވަރުވީއިރު، އެސްޓަން ވިލާއިން އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއިން ވަނީ ބާންލީ މައްޗަށް ކުރި ހޯދާފައެވެ.
ޕޮއިންޓް ތާވަލުގެ އެއްވަނާގައި އާސެނަލް އޮތީ 16 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ 15 ޕޮއިންޓެވެ. ރޭ ލިބުނު މޮޅާއިއެކު ސިޓީ ވަނީ 5 ވަނައަށް ޖެހިލާފައެވެ. ސިޓީއަށް ލިބިފައިވަނީ 13 ޕޮއިންޓެވެ. ނިއުކާސަލް އޮތީ ތާވަލުގެ 11 ވަނާގައެވެ. ރޭ ޕެލަސް އަތުން މޮޅުވި އެވަޓަން އޮތީ 11 ޕޮއިންޓާއިއެކު 8 ވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!