ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ސެވިއްޔާ ބައްދަލުކުރި މެޗު، 4-1 ގެ ތަފާތު ބޮޑު ނަތީޖާއިން ސެވިއްޔާ ކާމިޔާބު ކޮށްފިއެވެ.

ފާއިތުވި ހަފްތާގައި ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން ބާސާ ވީބައްޔަކީ، ސީޒަންގައި އެ ޓީމް ވީ ފުރަތަމަ ބައްޔެވެ. ނަމަވެސް ރޭ ސެވިއްޔާއާއި ދެކޮޅަށް ބާސާ ނުކުތުމާއި ހަމައަށް އެ ޓީމް ލީގުގައި ބަލިވެފައިނުވެއެވެ. ރޭ ސެވިއްޔާ އަތުންވީ ބޮޑު ބައްޔަކީ ލީގުގައި ވީ ފުރަތަމަ ބައްޔެވެ. މި ބައްޔާއިއެކު ބާސާއަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނަ ވެސް ގެއްލިފައެވެ.

Ad
rt

ރޭ މެޗަށް ބާސާ ނުކުމެފައި ވަނީ އަނިޔާގެ ސަބަބުން އެ ޓީމްގެ އެޓޭކްގައި އެންމެ އިތުބާރު ކުޅުންތެރިޔާ ކަމަށްވާ ލެމީން ޔަމާލްއާއި ނުލައެވެ. ޔަމާލްގެ އުކުޅުވަޅަށް ލިބިފާވާ އަނިޔާއިން ސަލާމަތްވެ ކުޅުމުގެ ތެރެއަށް އަންނަން ތިން ހަފްތާގެ މުއްދަތެއް ހޭދަވާނެކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ.

މި މެޗުން މޮޅުވެގެން އެއްވަނައަށް ޖެހިލުމުގެ ފުރުސަތު އޮތް ބާސާ، މެޗުން ބަލިވުމުން މިވަގުތު ވަނީ ދެވަނައަށް ވެއްޓިފައެވެ. ބާސާ ދެވަނާގައި އޮތީ 8 މެޗުން ހޯދި 19 ޕޮއިންޓާއި އެކުއެވެ. އެއްވަނާގައި ރެއާލް މެޑްރިޑް އޮތީ 8 މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ. ސެވިއްޔާ މިވަގުތު އޮތީ ތާވަލުގެ 5 ވަނާގައެވެ. އެ ޓީމަށް 8 މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ.

ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ދެ ލަނޑު ވެސް ޖެހީ ސެވިއްޔާއިންނެވެ. ފުރަތަމަ ލަނޑު 13 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ކުރިން ބާސާއަށް ކުޅުނު އަލެކްސް ސަންޗޭޒްއެވެ. ސެވިއްޔާގެ ދެވަނަ ލަނޑު 36 ވަނަ މިނެޓުގައި ޖަހައިދިނީ އިސާކް ރޮމޭރޯއެވެ.

ފުރަތަމަ ހާފުގައި އިތުރު ވަގުތުގައި މާކަސް ރަޝްފޯޑް ވަނީ ބާސާއަށް ލަނޑު ޖަހައިދީ އުންމީދު ހޯދައިދީފައެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ޕެޑްރީގެ އެހީތެރިކަމާއިއެކުއެވެ.

ދެވަނަ ހާފުގައި ނަތީޖާ ހަމަހަމަ ކުރުމަށް ބާސާއަށް ޕެނަލްޓީއެއް ލިބުނެވެ. މެޗުގެ 77 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ލެވަންޑޯސްކީ ފޮނުވާލި ނަމަވެސް އެ ބޯޅަ ގޯލާއި އަމާޒުވާ ގޮތެއް ނުވިއެވެ.

ސެވިއްޔާއަށް މެޗުގެ ތިންވަނަ ލަނޑު 90 ވަނަ މިނެޓުގައި ކާމޯނާ ޖަހައިދިން އިރު ހަތަރުވަނަ ލަނޑު އިތުރު ވަގުތުގެ ތެރޭ ޖަހައިދިނީ އެޑަމްސްއެވެ.