ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ވިޔަރެއާލް ބައްދަލުކުރި މެޗު، ރެއާލުން ކާމިޔާބު ކޮށްފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައިވަނީ 3-1 ގެ ނަތީޖާއިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ވެސް ރެއާލުގެ ފަރާތުން ގިނަ އެޓޭކްތަކެއް ފެނިގެންދިޔަ ނަމަވެސް ހާފު ނިމިގެން ދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
މެޗުގެ ފުރަތަމަ ލަނޑު ދެވަނަ ހާފު ފެށިތާ ދެވަނަ މިނެޓުގެ ތެރޭ ޖަހައިދިނީ ވިނީސިއަސްއެވެ. އަރިމަތިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަނީ ވިޔަރެއާލްގެ ޑިފެންޑަރެއްގެ ފައިގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ.
ރެއާލުގެ ދެވަނަ ލަނޑު 69 ވަނަ މިނެޓުގައި ޖަހައިދިނީ ވެސް ރޭ މެޗުގައި މޮޅު ކުޅުމެއް ދެއްކި ވިނީއެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ޕެނަލްޓީއަކުންނެވެ. ރެއާލަށް ޕެނަލްޓީ ލިބިފައި ވަނީ އޭރިއާ ތެރެއިން ވިނީއަށް ކުރިފައުލަކާއި ގުޅިގެންނެވެ.
ދެ ލަނޑުގެ ލީޑެއްގައި މާގިނައިރު ރެއާލަށް އޮވެވޭގޮތެއް ނުވިއެވެ. މެޗުގެ 73 ވަނަ މިނެޓުގައި ވިޔަރެއާލުގެ މިކައުޓަޑްޒޭ ވަނީ ލަނޑުޖަހައި އެ ޓީމަށް އުންމީދެއް ހޯދައިދީފައެވެ. ނަމަވެސް ވިޔަރެއާލަށް އިތުރު މައްސަލަ ކުރިމަތިވީ 77 ވަނަ މިނެޓުގައި އެ ޓީމްގެ މޮއުރީނޯއަށް ދެވަނަ ރީނދޫކާޑާއިއެކު ރަތްކާޑު ދެއްކުމުންނެވެ.
ރެއާލުގެ ތިންވަނަ ލަނޑު އޭގެ ހަތަރު މިނެޓް ފަހުން ޖަހައިދިނީ އެމްބާޕޭއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ބްރަހިމް ޑިއާޒްގެ އހީތެރިކަމާއިއެކުއެވެ.
މި މެޗުން މޮޅުވުމުން ރެއާލަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނަ ލިބިފައެވެ. ރެއާލް އެއްވަނާގައި އޮތީ ދެވަނާގައި އޮތް ބާސާއަށްވުރެ އެއް މެޗު އިތުރަށް ކުޅެ ލިބުނު 21 ޕޮއިންޓާއި އެކުއެވެ. ދެވަނާގައި ބާސާ އޮތީ 7 މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ. މިރޭ ބާސާ ރަށުން ބޭރުގައި ނުކުންނާނީ ސެވިއްޔާއާއި ދެކޮޅަށެވެ. އެ މެޗު ކާމިޔާބު ކޮށްގެން އެއްވަނައަށް ޖެހިލުމުގެ ފުރުސަތު ބާސާއަށް އެބައޮތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!