އެމްޑީޕީން މާލޭގައި ހުކުރު ދުވަހުގެ ރޭ ބޭއްވި މުޒާހަރާ ހުއްޓުވަން އުޅުމުގެ ތެރޭގައި ތިން ފުލުހަކަށް އަނިޔާވެ، އެ ފުލުހުންނަށް ހޮސްޕިޓަލުން ފަރުވާ ދޭން ޖެހުނު ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި އަނިޔާވި ތިން ފުލުހުންގެ ތެރޭގައި ހިމެނޭ އަންހެން ފުލުހަށް އަނިޔާވެފައިވަނީ ޝީލްޑާއެކު ވެއްޓިފައި އޮއްވައި، މުޒާހަރާގެ ބައިވެރިން އޭނާގެ ގައިމަތިން ހިނގުމުގެ ސަބަބުންނެވެ. އަދި އަނިޔާވި އަނެއް ދެ ފިރިހެން ފުލުހުންގެ ތެރެއިން އެކަކަށް ބެރިކޭޑުން ޖެހި، އަނެއް ފުލުހަށް ޝީލްޑްތަކުގައި ޖެހުމުގެ ސަބަބުން އަނިޔާވި ކަމަށް ފުލުހުން ބުނެފައިވެއެވެ. އަނިޔާވި ފުލުހުންނަށް ސެނެހިޔާ އަދި އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
މުޒާހަރާ އާޓިފިޝަލް ބީޗުން ފަށައި މަޖީދީމަގުން ކުރިއަށް ދާން އުޅުމުން، ފުލުހުން އެކަން ހުއްޓުވައި ބައެއް މީހުން ހައްޔަރުކުރިއެވެ. ފުލުހުން ބުނީ މުޒާހަރާގެ ބައިވެރިން ކުރިން އެއްބަސްވި ގޮތާ ހިލާފުވެ، މަޖީދީމަގުން ކުރިއަށް ނުދާން ނަސޭހަތްދީ އިލްތިމާސްކުރި ނަމަވެސް އެކަން ހުއްޓުވުމަށް ފުލުހުންނާ ކުރިމަތިލީ ކަމަށެވެ.
ނަމަވެސް މުޒާހަރާ ހުއްޓުވުމުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި ކަމުގެ ތުހުމަތު އެމީހުންނަށް އަމާޒުވެފައިވެއެވެ. ޚާއްސަކޮށް، "އެލްއާރުއޭޑީ" ކިޔާ ސޮނިކް ވެޕަން އާލާތް ބޭނުންކުރުމުގެ ސަބަބުން ބައެއް މީހުންނަށް ސިއްހީ މައްސަލަތައް ދިމާވެފައިވާ ކަމުގެ ޝަކުވާ ވަނީ އުފެދިފައެވެ.
އެމްޑީޕީގެ ގާނޫނީ ވަކީލުން ބުނެފައިވަނީ މިފަދަ އާލާތެއް ބޭނުންކުރުމުގެ އުސޫލެއް ނެތުމުން ފުލުހުންނަށް މިއީ ހުއްދަ އެއްޗެއް ނޫން ކަމަށެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ އެމީހުން ބޭނުންކޮށްފައިވަނީ ފުލުހުންގެ ޤާނޫނާއި ގަވާއިދުތަކުން ހުއްދަވާ ބާރުތައް ކަމަށެވެ.
އެމްޑީޕީން މާލޭގައި ރޭ ބޭއްވި އެއްވުމުގެ ތެރެއިން ހައްޔަރުކުރި 8 މީހުންގެ ތެރެއިން އެކަކު ފިޔަވާ އެންމެން 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!