ޣައްޒާއަށް އިންސާނީ އެހީގެ ގިނަ ބާވަތްތަކާއެކު ދަތުރުކުރަމުންދިޔަ "ގްލޯބަލް ސުމޫދު ފްލޮޓިލާ" ގެ ހުރިހާ އުޅަނދެއް ހުއްޓުވައިފި ކަމަށް އިސްރާއީލުން ބުނި ނަމަވެސް، އެ ފްލޮޓިލާގެ އެއް އުޅަނދު އަދިވެސް ޣައްޒާ އާއި ދިމާއަށް ދަތުރުކުރަމުންދާ ކަމަށް އެ ފްލޮޓިލާއިން ވަނީ ހާމަކޮށްފައެވެ.

ފްލޮޓިލާއިން އިއްޔެ ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، "މެރިނެޓް" ނަމަކަށް ކިޔާ އެއް އުޅަނދު އަދިވެސް "ވަރުގަދައަށް" ދަތުރުކުރަމުންދެއެވެ.

Ad
rt

"ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި، 21 އުޅަނދު ހުއްޓުވިފައިވާކަން ކަށަވަރުވެފައިވާއިރު، 20 އުޅަނދު ހުއްޓުވިފައިވާކަމަށް ލަފާކުރެވޭ އަދި 1 އުޅަނދު އަދިވެސް ދަތުރުކުރަމުންދޭ،" މި ގްރޫޕުން އިންސްޓަގްރާމް ޕޯސްޓެއްގައި ލިޔެފައިވެއެވެ.

މި ފްލޮޓިލާގައި ހިމެނޭ އުޅަނދުތައް ހުއްޓުވުމުގެ ތެރެއިން، 450 އަށްވުރެ ގިނަ އާންމު ރައްޔިތުން އިސްރާއީލީ ބާރުތަކުން "ޤާނޫނާ ޚިލާފަށް ވަގަށް ނަގާފައިވާ" ކަމަށް ވެސް ފްލޮޓިލާއިން ވަނީ ތުހުމަތުކޮށްފައެވެ.

ބުރާސްފަތި ދުވަހު އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް އެހީ އުފުލާ ފްލޮޓިލާއެއްގައި ހުރި ގާތްގަނޑަކަށް 40 ދޯނި ހުއްޓުވައި، ސްވިޑެންގެ މަޝްހޫރު ކެމްޕޭނަރު ގްރެޓާ ތަންބަރގް ހިމެނޭ ގޮތަށް 450 އަށް ވުރެ ގިނަ ބިދޭސީ އެކްޓިވިސްޓުން އަސީރުކުރުމުގެ ސަބަބުން، އިސްރާއީލަށް ބައިނަލްއަގްވާމީ ފެންވަރުގައި ބޮޑެތި ފާޑުކިޔުންތަކާއި މުޒާހަރާތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

މި އުޅަނދުތަކުން ލައިވް ފީޑް ބްރޯޑްކާސްޓް ކުރާ ކެމެރާތަކުން ފެނުނު ގޮތުގައި، ހެލްމެޓާއި ނައިޓް ވިޝަން ގޮގްލްސް އަޅައިގެން ހަތިޔާރު އެޅި އިސްރާއީލުގެ ސިފައިން ބޯޓުތަކަށް އަރައި، ފަސިންޖަރުން ލައިފް ވެސްޓްގައި އަތް މައްޗަށް ޖައްސައިގެން ތިއްބެވެ.

މެރިނެޓް އުޅަނދުގެ ހާލަތާ ބެހޭ އިތުރު މަޢުލޫމާތު ލިބުމުން، އެކަން ޢާންމުކުރާނެ ކަމަށް ވެސް ފްލޮޓިލާއިން ވަނީ ބުނެފައެވެ.