އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ހިންގި މާރާމާރީގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރެވިފައިވަނީ މިދިޔަ ސެޕްޓެންބަރު 23 ވަނަ ދުވަހުގެ ރޭ 1:17 އެހައިކަށްހާއިރުއެވެ.

Ad
rt

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / ސަންރީފް، ޢަލީ އަސްޢަރު (30 އަހަރު) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ސެޕްޓެންބަރު 28 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި އަނިޔާ ލިބުނު 34 އަހަރުގެ ދިވެހި ފިރިހެނާއަށް ފަރުވާ ދެމުން ގެންދަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ. ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ގޮތުގައި އަނިޔާ ލިބުނު މީހާގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ބުނެފައިވެއެވެ.

ޢަލީ އަސްޢަރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން ގެންދަނީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ. މި މައްސަލައިގެ ތަހުގީގު މިހާރުދަނީ ކުރިއަށެވެ.