އެފްއޭއެމްގެ ކުރީގެ ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކުރާ ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުންތައް ނިމި, ހުކުމް އިއްވަން ތައްޔާރުވެއްޖެ އެވެ.
ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާ ދައުލަތުން ކުރަނީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ބައްސާމް ހުރިއިރު 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން، ބައްސާމްގެ އެކައުންޓަކަށް ޖަމާކުރި މައްސަލާގަ އެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހުލާސާ ބަޔާން ހުށަހެޅުމުން އަޑުއެހުންތައް ނިންމާލައި, ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ވަނީ އިއުލާންކޮށްފަ އެވެ.
ނަމަވެސް ހުކުމް އިއްވާނެ ދުވަހެއް އަދި އިއުލާން ނުކުރެ އެވެ.
އެފްއޭއެމްގެ އިތުރު ފައިސާތަކަކަށް ހިޔާނާތްތެރިވި ކަމަށް ބުނެ ބައްސާމްގެ މައްޗަށް އިތުރު ދައުވާތަކެއް ވެސް ކުރެ އެވެ. އެ މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދަނީ ވަކިންނެވެ. އަދި ބައްސާމް ގަނެފައިވާ ޕެންޓްހައުސްއެއް ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ކުރިން ހިފެހެއްޓި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!