އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލްއާއި އާސެނަލް ބައްދަލުކުރި މެޗު، ފަހަތުން އަރާ އާސެނަލުން ކާމިޔާބު ކޮށްފިއެވެ. ރޭ ނިއުކާސަލްގެ ދަނޑުގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބުކުރީ، ނިއުކާސަލުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ޖަހައިގެންނެވެ.
މެޗު ފަށައިގެން ދެ ޓީމްގެ ފަރާތުން ވެސް ފެނުނީ ވާދަވެރި ކުޅުމެކެވެ. މެޗުގެ 14 ވަނަ މިނެޓުގައި ނިއުކާސަލްގެ ޑިފެންސުން ހެދި ގޯހެއްގެ ފައިދާނަގައި އާސެނަލްގެ ފޯވާޑް، ޔޯކަރޭސްއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. އެ ބޯޅަ ސަލާމަތް ކުރަން އުޅުމުގެ ތެރޭ ޔޯކެރޭޝް އަށް ނިއުކާސަލްގެ ކީޕަރު ނިކް ޕޯޕް ކުރި ފައުލަކަށް ޕެނަލްޓީއެއް ދޭން ރެފްރީ ނިންމިއެވެ. އެހެން ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ރެފްރީ ނިންމީ ޕެނަލްޓީ އެއް ދޭން ނުޖެހޭ ކަމަށެވެ. އެއީ، ނިއުކާސަލްގެ ކީޕަރު ޕޯޕްގެ ފައިން ފުރަތަމަ ބޯޅައިގައި ޖެހުނު ކަމަށް ބަލާފައެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހައި ނިއުކާސަލުން ލީޑު ނެގީ 34 ވަނަ މިނެޓުގައެވެ. އެ ލަނޑު ޓޮނާލީ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްދިނީ ވޮލްޓްމޭޑްއެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ މި ނަތީޖާއިން ނިއުކާސަލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ނަތީޖާ އާސެނަލުން އަނބުރާލީ، މެޗުގެ ފަހުކޮޅު ކާމިޔާބުކުރި ލަނޑުތަކުންނެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު 84 ވަނަ މިނެޓުގައި ޖަހައިދިނީ މެރީނޯއެވެ. އާސެނަލް މެޗުން މޮޅުވި ލަނޑު ޖެހީ މެޗުގެ އިތުރުވަގުތުގެ ތެރޭ ލިބުނު ކޯނަރަކުން އޮޑެގާޑް ތަނަވަސް ކޮށްދިން ފުރުސަތެއްގައި މަގާޅެސްއެވެ.
މި ނަތީޖާއާއިއެކު ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލްގެ ލީޑު ވަނީ ދެ ޕޮއިންޓަށް ކުޑަވެފައެވެ. ހަ މެޗުން 15 ޕޮއިންޓާއިއެކު ލިވަޕޫލް އެއް ވަނައިގައި އޮތްއިރު، ދެވަނައަށް ޖެހިލި އާސެނަލަށް ވަނީ ހަ މެޗުން 13 ޕޮއިންޓް ލިބިފައެވެ. ކުރިން ދެ ވަނައިގައި އޮތް ކްރިސްޓަލް ޕެލަސް، ތިން ވަނައިގައި އޮތީ ހަ މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!