ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗުގައި، ސޮސިއެޑާޑުން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ބާސެލޯނާ މޮޅުވެއްޖެއެވެ. ބާސާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއިންނެވެ.

ރޭ މެޗަށް ބާސާ ނުކުތްއިރު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ރެއާލް މެޑްރިޑެވެ. ހޮނިހިރު ދުވަހުގެ އެތުލެޓިކޯއާއި ރެއާލް ބައްދަލުކުރި މެޗު އެތުލެޓިކޯއިން ކާމިޔާބު ކުރުމާއިއެކު ރޭ މެޗުން މޮޅުވެގެން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު ބާސާއަށް އޮތްއިރު، އެ ފުރުސަތުގެ ބޭނުން ބާސާއިން މިވަނީ ފުރިހަމައަށް ހިފާފައެވެ.

Ad
rt

ލީގުގައި އަދި މިހާތަނަށް ބާސާ ބަލިވެފައިނުވާއިރު އެ ޓީމަށް ރޭ ލިބުނު 3 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނަ ލިބެނީ 7 މެޗުން ހޯދި 19 ޕޮއިންޓާއި އެކުއެވެ. ދެވަނާގައި ރެއާލް އޮތީ 7 މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ. ރޭ މެޗުގައި ބާސާ އަތުން ބަލިވި ރެއާލް ސޮސިއެޑާޑް އޮތީ ތާވަލުގެ 17 ވަނާގައެވެ. އެ ޓީމަށް 7 މެޗުން ލިބިފައިވަނީ 5 ޕޮއިންޓެވެ.

މެޗު ފަށައިގެން ބާސާއިން ޑޮމިނޭޓް ކުރިނަމަވެސް ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ސޮސިއެޑާޑުންނެވެ. މި ލަނޑު 31 ވަނަ މިނެޓުގައި ބެރެންޓެކްސެއާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ އޮޑްރިއޮޒޯލާއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސާއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ފުރަތަމަ ހާފު ނިމުމަކާއި ކައިރިވެފައި ވަނިކޮށް ބާސާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރަޝްފޯޑް ނަގައިދިން ކޯނަރަކުން ކޫންޑޭ ބޮލުން ކާމިޔާބުކުރި ލަނޑުންނެވެ.

މެޗުން ބާސާ މޮޅުކޮށްދިން ލަނޑު 59 ވަނަ މިނެޓުގައި ޖަހައިދިނީ ލެވަންޑޯސްކީއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ޔަމާލް ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ. ބެންޗުން ފެށި ޔަމާލް ކުޅެން ނުކުމެފައި ވަނީ މެޗުގެ 58 ވަނަ މިނެޓުގައެވެ. ކުޅެން ނުކުމެ ފުރަތަމަ ލިބުނު ބޯޅައިން ވެސް އޭނާ ވަނީ ތަފާތު ދައްކައި ބާސާ މޮޅުކޮށްދީފައެވެ.

އޭގެފަހުން ވެސް ދެ ޓީމަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނުއިރު ސޮސިއެޑާޑްގެ ކުބޯ ފޮނުވާލި ހަމަލާއަކާއި ބާސާގެ ލެވަންޑޯސްކީ ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް ވެސް ވަނީ އަމާޒުވެފައެވެ.