އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއިން ޕެލަސް ކާމިޔާބު ކޮށްފިއެވެ.

ޗެމްޕިއަން ލިވަޕޫލާއި ޕެލަސް ރޭ މެޗަށް ނުކުތްއިރު ޕްރިމިއާ ލީގުގައި މިހާތަނަށް ބަލިނުވެ އޮތީ މި ދެ ޓީމެވެ. ނަމަވެސް ރޭ ޕެލަސްގެ ދަނޑުގައި ލިވަޕޫލަށް ލީގުގެ ފުރަތަމަ ބައްޔާއި ކުރިމަތިލާން ޖެހުނުއިރު، ޕެލަސް ވަނީ މި ސީޒަން ފަށަން ކުޅުނު ޝީލްޑް މެޗުގައި ޕެނަލްޓީ ޖަހައިގެން ލިވަޕޫލް ބަލިކޮށްފައެވެ. އަދި އަންނަ މަހު އިނގިރޭސި ލީގް ކަޕްގެ ހަތަރުވަނަ ބުރުގައި ވެސް މި ދެ ޓީމުގެ ކުރިމަތިލާނެއެވެ.

Ad
rt

މި މެޗުން ބަލިވި ނަމަވެސް ޕޮއިންޓް ތާވަލުގެ އެއްވަނާގައި އަދިވެސް އޮތީ ލިވަޕޫލެވެ. އެ ޓީމް އެއްވަނާގައި އޮތީ 6 މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތީ ޕެލަސްއެވެ. އެ ޓީމަށް 6 މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ.

މުޅި މެޗު ކޮންޓްރޯލް ކޮށްގެން ލިވަޕޫލުން ކުޅުނު ނަމަވެސް ކައުންޓަ އެޓޭކްގައި ލަނޑުޖަހާނެ ގިނަ ފުރުސަތު ހޯދީ ޕެލަސްއެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ވެސް ޕެލަސް އިންނެވެ. މި ލަނޑު 9 ވަނަ މިނެޓުގައި ޖަހައިދިނީ އިސްމާއިލާ ސާއެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ ޕެލަސް ލީޑުގައި އޮވެއެވެ.

ލިވަޕޫލުން ލަނޑެއްޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށްވެފައި ވަނިކޮށެވެ. މި ލަނޑު ޖަހައިދިނީ ދެވަނަ ހާފުގެ ފަހުކޮޅު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ކިއޭސާއެވެ.

މެޗު އެއްވަރުވެގެން ނިމޭނެކަމަށް ބެލެވުނު ނަމަވެސް މެޗުގެ ފުރިހަމަ ވަގުތުހަމަވެ ދެއްކި އިތުރު ވަގުތުގެ ހަމިނެޓް ހަމަވެ ހަތްވަނަ މިނެޓް ގުނެމުން ދަނިކޮށް ޕެލަސް މޮޅުކޮށްދިން ލަނޑު ޖަހައިދިނީ އެޑީ އެންކެޓިއާއެވެ.