ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި އެތުލެލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު ތަފާތު ބޮޑު ނަތީޖާއަކުން އެތުލެޓިކޯއިން ކާމިޔާބު ކޮށްފިއެވެ.
އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ރެއާލުގެ މައްޗަށް ކުރި ހޯދީ 5-2 ގެ ނަތީޖާއިންނެވެ.
މި ސީޒަންގައި ލީގުގައި ރެއާލުން ކުޅުނު ފުރަތަމަ ހަ މެޗުން ވެސް ވަނީ މޮޅުވެފައެވެ. ރޭ އެތުލެޓިކޯ އަތުން ވީ ބައްޔަކީ މި ސީޒަންގައި އެ ޓީމްގެ ފުރަތަމަ ބައްޔެވެ.
ޒަބީ އެލަންސޯގެ އިރުޝާދުގެ ދަށުން މި ސީޒަންގައި ރެއާލުން މޮޅަށް ކުޅެމުން އައި ނަމަވެސް ރޭ މެޗުގައި އެ މޮޅު ކުޅުން، ރެއާލަށް ތަކުރާރު ނުކުރެވުނެވެ. ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުމަށް ވެސް އެތުލެޓިކޯއިން ހުރަސްއެޅިއިރު، ރެއާލުގެ އެޓޭކްތައް ހުއްޓުވުމުގައި އެޓީމުން ވަނީ ކާމިޔާބު ހޯދާފައެވެ.
މެޗުގެ ފުރަތަމަ ލަނޑު އެތުލެޓިކޯއަށް 14 ވަނަ މިނިޓުގައި ޖަހައިދިނީ ރޮބިން ލެ ނޯމަންޑްއެވެ. ނަމަވެސް ރެއާލުން 25 ވަނަ މިނިޓުގައި ކިލިއަން އެމްބާޕޭ ޖެހި ގޯލަކުން ނަތީޖާ އެއްވަރުކޮށް، އޭގެ 11 މިނިޓު ފަހުން އާޑާ ގުލާ ކާމިޔާބުކުރި ލަނޑުން މެޗުގެ ލީޑު ނެގިއެވެ. ނަމަވެސް ހާފު ނިމުމުގެ ކުރިން އަލެކްސެންޑާ ސޯލޮތު ބޮލުން ވައްދާލި ގޯލާއިއެކު ނަތީޖާ ހަމަހަމަވިއެވެ.
މެޗުގެ ދެވަނަ ހާފުގައި އެތުލެޓިކޯއިން ވަނީ ތިން ލަނޑު ޖަހާފައެވެ. އޭގެތެރެއިން ދެ ލަނޑު ހޫލިއަން އަލްވަރޭޒް ޖަހައިދިންއިރު ތިންވަނަ ލަނޑު ޖެހީ ގްރީޒްމަންއެވެ.
މި މެޗުން ބަލިވުމާއިއެކު ރެއާލަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނަ ގެއްލުމުގެ ބިރާއި ކުރިމަތިލާން ޖެހިފައެވެ. އެއްވަނާގައި 7 މެޗުން 18 ޕޮއިންޓް ހޯދައިގެން ރެއާލް އޮތްއިރު ދެވަނާގައި ބާސާ އޮތީ 6 މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. މިރޭ ބާސާ ނުކުންނާނީ ރެއާލް ސޮސިއެޑާޑްއާއި ދެކޮޅަށެވެ. އެ މެޗުން މޮޅުވެގެން ރެއާލުގެ މައްޗަށް އެއް ޕޮއިންޓްގެ ލީޑެއް ނެގުމުގެ ފުރުސަތު ބާސާއަށް ވަނީ ތަނަވަސް ވެފައެވެ. މި ސީޒަންގައި މިހާތަނަށް އަދި ބާސާ ބަލިވެފައި ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!