ޖަރުމަނު ލީގުގައި ރޭ ބަޔާން މިއުނިކާއި ވާޑަރ ބްރޭމަން ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބަޔާނުން ކާމިޔާބުކޮށްފިއެވެ. އަމިއްލަ ދަނޑުގައި ބަޔާން މޮޅުވެފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ.
މި މެޗުގައި ހެރީ ކޭން ވަނީ ބަޔާނަށް ދެ ލަނޑު ޖަހައިދީފައެވެ. މި ދެ ލަނޑާއިއެކު އޭނާ ބަޔާނަށް ޖަހައިދިން ގޯލުގެ އަދަދު ވަނީ 100 އަށް އަރާފައެވެ. އޭނާވެފައި ވަނީ ޔޫރަޕްގެ އެންމެ ވަރުގަދަ ފަސް ލީގުގައި އެންމެ މަދު މެޗުން 100 ލަނޑު ހަމަކުރި ކުޅުންތެރިޔާއަށެވެ. ކޭން އެ އަދަދަށް ގޯލުޖަހާފައި ވަނީ 104 މެޗުންނެވެ. ކުރިން މި ރެކޯޑް އޮތީ މެންޗެސްޓާ ސިޓީއަށް 105 މެޗުން 100 ލަނޑުޖެހި ހާލަންޑާއި، ރެއާލް މެޑްރިޑަށް 105 މެޗުން 100 ލަނޑު ޖެހި ކްރިސްޓިއާނޯ ރޮނާލްޑޯގެ އަތުގައެވެ.
ހެރީ ކޭންއަކީ ފާހަގަ ކުރެވެނީ އާދަޔާ ހިލާފަށް ގޯލާއި ރައްޓެހި ކުޅުންތެރިއެއްގެ ގޮތުގައެވެ. އެގޮތުން މިވަގުތު އިނގިރޭސި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ވެސް އޮތީ އޭނާގެ އަތުގައެވެ. އޭނާވަނީ މިހާތަނަށް ގައުމީ ޓީމަށް ކުޅެދިން 109 މެޗުގައި 74 ލަނޑު ޖަހައިދީފައެވެ. ގިނަ އަހަރުތަކެއް ވަންދެން ޕްރިމިއާ ލީގުގެ ޓޮޓްނަމްއަށް ކުޅުނު ކޭން އަކީ އެ ޓީމަށް ވެސް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ.
ރޭ މެޗުގައި ބަޔާނަށް އަނެއް ދެ ލަނޑު ޖަހައިދީފައި ވަނީ ޓާ އާއި ލެމިއާއެވެ. ލީގުގައި މިހާތަނަށް ކުޅުނު 5 މެޗުން ވެސް މޮޅުވެ ހޯދި 15 ޕޮއިންޓާއިއެކު ބަޔާން އޮތީ ޕޮއިންޓް ތާވަލުގެ އެއްވަނާގައެވެ. ދެވަނާގައި 4 މެޗުން 10 ޕޮއިންޓް ހޯދައިގެން އޮތީ ބްރޫޝިއާ ޑޯޓްމަންޑެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!