ސްޕެއިން އާއި ބާސެލޯނާގެ ލެޖެންޑަރީ މިޑްފީލްދަރ ސާޖިއޯ ބުސްކެޓްސް، މި ސީޒަނަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފިއެވެ.

އެމެރިކާގެ އިންޓަ މިއާމީ އަށް މިހާރު ކުޅެމުން އަންނަ (37) ސާޖިއޯ ބުސްކެޓްސް މި ސީޒަނަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާކަން އޭނާ އިއުލާން ކޮށްފައިވަނީ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއް މެދުވެރިކޮށެވެ.

Ad
rt

ބުސްކެޓްސްއަކީ ސްޕެއިނުން އުފެއްދި ގޯލްޑެން ޖެނެރޭޝަންގައި ހިމެނޭ އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ. ބާސެލޯނާގެ އެކަޑަމީން ތަމްރީންވި ބުސްކެޓްސް ބާސާގެ ސީނިއާ ޓީމަށް ކުޅެން ފަށާފައިވަނީ 2008 ވަނަ އަހަރުއެވެ. ޕެޕް ގާޑިއޯލާގެ އިރުޝާދެގެ ދަށުން ބާސާއިން އެ ދުވަސްވަރު ގިނަ ކާމިޔާބީތަކެއް ހޯދި ޓީމްގެ މިޑްފީލްޑްގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެއް ކުޅުންތެރިއަކީ، ގޭމް ކޮންޓްރޯލް ކުރުމުގައި އެފަދަ ދެވަނައެއްނުވާ ބުސްކެޓްސްއެވެ.

2023 ވަނަ އަހަރު އިންޓަ މިއާމީއަށް ބަދަލުވުމާއި ހިސާބަށް، އޭނާ ވަނީ ބާސާ ޖޯޒީގައި 722 މެޗު ކުޅެފައެވެ. އޭނާ ވަނީ ބާސާއާއިއެކު ނުވަފަހަރު ސްޕެނިޝް ލީގު، ހަތް ފަހަރު ކޮޕަ ޑެލް ރޭ އަދި ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައެވެ.

މީގެއިތުރުން 2010 ވަނަ އަހަރު ސްޕެއިން އާއިއެކު ވޯލްޑް ކަޕް ކާމިޔާބު ކުރުމާއި 2012 ވަނަ އަހަރު ސްޕެއިންއާއިއެކު ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމަކީ އޭނާގެ ކެރިއާގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެވެ. އޭނާ ސްޕެއިންގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 2022 ވަނަ އަހަރުއެވެ. އޭނާ ވަނީ ގައުމީ ޓީމަށް 143 މެޗު ކުޅެފައެވެ.

ރިޓަޔަރމަންޓް އިއުލާންކޮށް އިންސްޓްގްރާމްގައި އޭނާ ބުނެފައި ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ހުރުން މިހާރު ނިމުމަކަށް ގެންނަން ވެއްޖެކަށް ގަބޫލުކުރާ ކަމަށެވެ. ގާތްގަނޑަކަށް 20 އަހަރު ފުޓްބޯޅަ ކުޅެވިއްޖެކަން ފާހަގަކޮށް އޭނާ ބުނީ އެ މުއްދަތުގައި ފުޓްބޯޅައިން ވަރަށް ގިނަ ކަންކަން ދަސްވިކަމަށެވެ.

އޭނާގެ މުޅި ކެރިއާ ހޭދަކުރި ބާސެލޯނާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަމުން ބުނެފައިވަނީ އެއީ އޭނާގެ ކްލަބް ކަމަށާއި އެ ތަނުގައި ކުޑައިރުގެ އުއްމީދުތައް ހާސިލް ކުރެވުނުކަމަށެވެ. އަދި ވަރަށް ގިނަ ކާމިޔާބީ ހޯދުނު ކަމަށާއި ދުވަހަކު ވެސް ހަނދާން ނުނެތޭނެ އުފާވެރި އެތައް ކަމެއް ކޭމްޕް ނޯގައި ހިނގާދިޔަ ކަމަށެވެ. އޭނާ ވަނީ ސްޕެއިން ގައުމީ ޓީމަށް ވެސް ޝުކުރު އަދާކޮށްފައެވެ.