ރ. ފުއްގިރި ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތުގައި ހެއްކާބެހޭ ގޮތުން ވާހަކަ ދެއްކުން ފަސްކޮށް, އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒް ކޯޓަށް ހާޒިރުކުރުމާ މެދު ގޮތެއް ނިންމަން ހަމަޖައްސައިފި އެވެ.

ޔާމީނަށް ދައުވާކުރަނީ ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ތުހުމަތުކޮށެވެ.

Ad
d

އެ މައްސަލާގެ ހެކިބަސް ނެގުމުގެ މަރުހަލާ ނިމި، ހެއްކާބެހޭ ގޮތުން ވާހަކަ ދެއްކުމަށް މިއަދު ތާވަލްކުރި އަޑުއެހުމުގައި ޔާމީންގެ ވަކީލުންގެ ޓީމުން ވަނީ އޭސީޕީ ރިޔާޒް ހެއްކެއްގެ ގޮތުގައި ކޯޓަށް ހާޒިރު ކުރުމަށާއި އޭނާގެ އޯޑިއޯއެއް ކަމަށް ބުނާ އޯޑިއޯއެއް ހާމަކުރަން އެދިފަ އެވެ.

އެ އޯޑިއޯއަކީ ޔާމީނާއެކު ކުރިން ދައުވާ ލިބުނު އަހުމަދު ކްރިކް ރިޒާއަށް އޭސީޕީ ރިޔާޒް ތަހުގީގުގައި ނުފޫޒު ފޯރުވި ކަމަށް ބުނާ އޯޑިއޯއެކެވެ.

ދައުލަތުން ބުނީ އޯޑިއޯ ހެއްކާއި ރިޔާޒްގެ ހެކިބަސް ނަގަން އެދޭ ނަމަ، އެ ހެކި ބަލައިގަތުމާ މެދު ޗެލެންޖް ކުރުމުގެ ފުރުސަތެއް ދައުލަތުން ބޭނުންވާ ކަމަށެވެ.

ޔާމީންގެ ވަކީލުން އެދުނީ ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމާއި ހުލާސާ ބަޔާން ހުށަހެޅުން އެއްކޮށް ކުރިއަށް ގެންދިއުމަށެވެ.

އެހެންކަމުން އެ މައްސަލަ ބައްލަވާ ގާޒީ ނިންމެވީ ރިޔާޒް ހާޒިރު ކުރުމާއި އޯޑިއޯއާ ބެހޭގޮތުން ހުށަހެޅި ކަންކަމާ މެދު އެކަމާ މެދު ފަހުން ގޮތެއް ނިންމުމަށެވެ. އެހެންވެ, ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ބައި މިއަދު ކުރިއަށް ނުގެންދެ އެވެ.

Ad
df

ފުއްގިރީގެ މައްސަލާގެ އިތުރުން ވ. އާރަށް މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ ކުރެ އެވެ. އެ މައްސަލާގައި އެ މަނިކުފާނާއި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރިން ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް އެ ހުކުމް ހައި ކޯޓުން ވަނީ ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމަށް އަމުރުކޮށްފަ އެވެ.