ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ގެޓާފޭ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބާސާއިން ކާމިޔާބު ކޮށްފިއެވެ. މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ.

މިހާރު ރިނޮވޭޝަންގެ މަސައްކަތް ކުރަމުން އަންނަ ބާސާގެ ކޭމްޕް ނޯ ސްޓޭޑިއަމްގައި މި ސީޒަން ފެށުނުއިރު މެޗުތައް ކުޅެން ފެށުމުގެ އުންމީދު އޮތް ނަމަވެސް ތާވަލުކޮށްފައިވާވަރަށް މަސައްކަތް ކުރިއަށް ނުދިޔުމާއި ގުޅިގެން އަދި އޮތީ އެ ދަނޑުގައި މެޗުތައް ކުޅެން ނުފެށިއެވެ.

Ad
rt

ވުމާއިއެކު ރޭ ބާސާގެ ހޯމް މެޗު ކުޅެފައިވަނީ އެ ޓީމްގެ ޓްރެއިނުން ޕިޗް ކަމަށްވާ ޔޯހާން ކްރަޔަފް ސްޓޭޑިއަމްގައެވެ. އެ ދަނޑުން ރޭ ފުރުސަތު ދީފައިވަނީ އެންމެ ހަހާސް ސަޕޯޓަރުންނަށެވެ. މިއީ ބާސާއިން މި ސީޒަންގައި އެ ދަނޑުގައި ކުޅުނު ދެވަނަ މެޗެވެ.

ބާސާއިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ މި މެޗުގެ 15 ވަނަ މިނިޓުގައި ޑެނީ އޮލްމޯގެ އެސިސްޓަކުން ފެރާން ޓޮރޭޒް ވަނީ ލަނޑެއް ޖަހާ ބާސާއަށް ކުރި ހޯދަދީފައެވެ. އަދި އޭގެ 19 މިނިޓު ފަހުން ފެރާން ޓޮރޭޒް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ. މި މެޗުގައި ބާސާއިން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 62 ވަނަ މިނިޓުގައި ޑެނީ އޮލްމޯ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

މި މޮޅާއިއެކު ބާސާއަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން 13 ޕޮއިންޓް ލިބިފައެވެ. އެ ޓީމު ދެ ވަނައިގައި އޮތް އިރު، އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް މޮޅުވެގެން 15 ޕޮއިންޓް ހޯދާފައިވާ ރެއާލް މެޑްރިޑެވެ.