އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި އާސެނަލް ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއިން އެއްވަރުވެއްޖެއެވެ.
ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާއަކީ، ޓީމް ލައްވައި ޕޮޒިޝަން ފުޓްބޯޅަ ކުޅުވުމުގައި މަޝްހޫރު ކޯޗެކެވެ. ނަމަވެސް ރޭ އާސެނަލްއާއި ދެކޮޅަށް ސިޓީއަށް ގޭމް ކޮންޓްރޯލް ކުރެވޭ ގޮތެއް ނުވިއެވެ. މުޅި މެޗަށް ބަލާއިރު އެ ޓީމަށް ބޯލް ޕޮޒިޝަން ހިފެހެއްޓިފައި ވަނީ އެންމެ 33% އެވެ. މިއީ ގާޑިއޯލާގެ އިރުޝާދުގެ ދަށުން މިހާތަނަށް އެ ޓީމު އެންމެ ދަށްކޮށް ބޯލް ޕޮޒިޝަން ހިފެހެއްޓިފައިވާ މެޗެވެ.
ކުރިން ގާޑިއޯލާގެ އެސިސްޓެންޓަކަށް މަސައްކަތް ކުރި، މިހާރު އާސެނަލްގެ ކޯޗުގެ މަގާމް ފުރަމުން އަންނަ އާޓޭޓާ، ސިޓީއާއި ދެކޮޅަށް އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެގޮތުން މި ދެ ޓީމް އެންމެ ފަހުން ވާދަކުރި ފަސް މެޗުން ވެސް އާސެނަލް ބަލިވެފައިނުވެއެވެ.
ރޭ މެޗުގައި އާސެނަލްގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ ވަރަށް މޮޅު ކުޅުމެކެވެ. މުޅި މެޗު އެ ޓީމުން ކޮންޓްރޯލްކުރި ނަމަވެސް މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ސިޓީންނެވެ. ކައުންޓަ އެޓޭކެއްގައި ރައިންޑާސް ތަނަވަސް ކޮށްދިން ފުރުސަތެއްގައި މި ލަނޑު ޖަހައިދިނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ހާލަންޑެވެ.
ނަތީޖާ ހަމަހަމަކުރަން އާސެނަލުން އެޓޭކްކުރެވޭތޯ ކޯނަރުތަކުންނާއި ހުރަސް ނަގައިގެން މަސައްކަތް ކުރިއިރު، ސިޓީގެ ކީޕަރު، ޖިއަންލުއީޖީ ޑޮނަރުންމާ ވަނީ އެ ބޯޅަތަކަށް ސަމާލުވެ، ރަނގަޅު ކުޅުމެއް ދައްކާފައެވެ. އާސެނަލްގެ ނޯނީ މަޑުއޭކޭ ޖެހި ބޯޅައެއް ޑޮނަރުންމާ މަތަކުރިއިރު، ޒުބިމެންޑީ ޖެހި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ކައުންޓަ އެޓޭކުގައި ސިޓީ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން ދެ ވަނަ ހާފުގައި ހާލަންޑް ޖެހި ބޯޅައެއް އާސެނަލްގެ ކީޕަރު، ޑޭވިޑް ރާޔާ ވަނީ މަތަކޮށްފައެވެ. އަދި، ސިޓީގެ ޖެރެމީ ޑޮކޫ ޖެހި ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ. އާސެނަލުން އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތް މިނިޓްގެ ތެރެއިން ދެ ވަނަ މިނިޓްގައި މާޓިނެލީ ޖެހި ލަނޑުންނެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗް އާޓޭޓާ ބުނީ މެޗުގައި ޓީމް ކުޅުމާއިމެދު ވަރަށް ހިތަހަމަ ޖެހޭ ކަމަށާއި، ނަމަވެސް އެއް ޕޮއިންޓުން ފުއްދާލަން ޖެހުމުން ދެރަވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!