ށ. މާކަނޑޫދޫ މީހުން ށ. މިލަންދޫއަށް ބަދަލުވިތާ 25 އަހަރު ފުރުމާއި ގުޅިގެން އެ ރަށުގައި ރިހި ޔޫބިލް ފާހަގަކުރުމަށް "އާބާދު ރަސްމީ ޖަލްސާ" ގެ ނަމުގައި ޚާއްސަ ޖަލްސާއެއް ބާއްވައިފިއެވެ.
މިގޮތުން މި ޚާއްސަ ޖަލްސާ ޝަރަފްވެރިކޮށްދެއްވާފައިވަނީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ އެވެ. އަދި މި ރަސްމިއްޔާތުގައި ށ. އަތޮޅު ކައުންސިލާއި، މިލަންދޫ ކައުންސިލްގެ ރައީސް ގެ އިތުރުން ކައުންސިލް މެންބަރުންނާއި މުއައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ޖަލްސާގައި ވަޒީރު ޑރ. މަރިޔަމް މާރިޔާ ވަނީ މިލަންދޫ ކައުންސިލްގެ ރަސްމީ ވެބްސައިޓް އިފްތިތާޙްކޮށްފައެވެ.
ވަޒީރު މިލަންދޫ ކައުންސިލްގެ ރަސްމީ ވެބްސައިޓް އިފްތިތާހްކޮށްދެއްވުން، ފޮޓޯ: މިލަންދޫ ކައުންސިލް
މިލަންދޫ ކައުންސިލްގެ ރައީސް އަބްދުالله އާޠިފް "ތިލަދުން" އަށް ވިދާޅުވީ، މިލަންދޫއަށް މީހުން އާބާދުވިތާ 25 އަހަރު ފާހަގަކުރުމުގެ ގޮތުން ރަށުގައި ތަފާތު އެކި އެކި ހަރަކާތްތަކެއް ކުރިއަށްދާކަމަށެވެ.
މިގޮތުން، 16 ސެޕްޓެމްބަރ 2025 ވީ ދުވަހު ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައި، ހުރިހާ ރައްޔިތުންނާއި މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނަށް ހުޅުވާލައިގެން ކުރިއަށް އޮތް 25 އަހަރު މިލަންދޫ އޮންނާނެ ގޮތުގެ ތަސައްވަރާއި ހިޔާލާއި ފޮޓޯ ކެޕްސޫލްއަކަށް އަޅައި ވަޅުލެވިފައިވާކަމަށެވެ.
މިލަންދޫ "އާބާދު 25 ރަސްމީ ޖަލްސާ"ގެ ތެރެއިން، ފޮޓޯ: މިލަންދޫ ކައުންސިލް
މީގެ އިތުރުން ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެން ވަނަ ވަނަ އަށްދާ ޓީމުތަކަށް ފައިސާގެ އިނާމުތަކާއެކު މިއަދު މަސްރޭހެއް ކުރިއަށްދާކަމަށް ފާހަގަކުރަމުން އާޠިފް ވިދާޅުވީ، މިކަމާއި ގުޅިގެން ހިންގާ އެންމެ ފަހު ހަރަކާތެއްގެ ގޮތުގައި ކައުންސިލްގެ ފަރާތުން މުޅި ރައްޔިތުންނަށްދޭ ބާބަކިއުއެއް އޮންނާނެކަމަށެވެ.

މިލަންދޫ "އާބާދު 25 ރަސްމީ ޖަލްސާ"ގެ ތެރެއިން، ފޮޓޯ: މިލަންދޫ ކައުންސިލް
އާޠިފް އިތުރަށް ވިދާޅުވީ މިރޭ ބާއްވާ ރައްޔިތުންގެ ބާބަކިއުގައި، އޭރު މާކަނޑޫދޫގެ ޙާލަތާއި މިލަންދޫއަށް އައުމުން ލިބުނު ފަސޭހައާއި، ރައްޔިތުންނަށް އައި ކުރިއެރުން ދައްކުވައިދިނުމަށް ކައުންސިލު މުވައްޒަފުންނާއި ބައެއް ރައްޔިތުން ހިމެނޭހެން ކުޅެފައިވާ "ޙިޖުރަ" ކިޔާ ކުރު ފިލްމެއް ތައްޔާރުކޮށްފައިވާނެކަމަށެވެ.
މިލަންދޫ "އާބާދު 25 ރަސްމީ ޖަލްސާ"ގެ ތެރެއިން، ފޮޓޯ: މިލަންދޫ ކައުންސިލް
މިލަންދޫ އަށް މީހުން އާބާދުވިތާ 25 އަހަރު ފާހަގަކުރުމަށް ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވޭ މިފަދަ ޙަރަކާތްތަކުން މިލަންދޫއަށް މީހުން އާބާދުވާން މެދުވެރިވި ގޮތާއި، އެ އުނދަގޫ ދަނޑިވަޅުގައި ރައްޔިތުން ތަހަންމަދު ކުރި ކަންތައްތައް މިހާރުގެ ޖީލަށާއި ތާރީހަށް މި ކަމުގެ މުހިންމުކަން އެނގިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!